ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކ. ކުޑަގިރި ތަރައްގީކުރުމުގެ ގޮތުން އެ ފަޅު ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ, މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ރަށް ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެ ވައުދު, އަންނަ އަހަރުގެ އޭޕްރީލްގެ ކުރިން ފުއްދުމަށް އެމްޓީސީސީން މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މީގެ ކުރިން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ބޭނުންކުރީ ކުޑަބަނޑޮހެވެ. ނަމަވެސް އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ވަނީ ނިންމާފައެވެ. ކުޑަބަނޑޮހަށްވުރެ ކުޑަގިރި ބޮޑު ވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކުޑަގިރި މަޝްރޫއަށް 41 މިލިއަން ރުފިޔާ ހަރަދު ވާނެއެވެ.