ފަރީދީމަގުގައި ހުންނަ ފަތަހަ ސުންބުލި ފިހާރަ ފަޅާލުމަށްފަހު ފައިސާ ވަތްގަނޑު ހިފައިގެން ފިލަން އުޅެނިކޮށް ވަތްގަނޑު ސަލާމަތް ކޮށްފިއެވެ.

ފަތަހަ ސުންބުލި ފަޅާލީ މިއަދު އިރުއޮއްސި 18:20 ހާއިރުގައެވެ. އެތަން ފަޅާލުމަށްފަހު ފިލަން އުޅުނު މަންޒަރު ދުށް މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި، އޭނާއަށް ފެނުނީ ފިހާރައިން ދެ މީހަކު ނުކުމެގެން ދަނިކޮށެވެ.

"އެ މީހުން ނިކުމެގެން ދިޔަ އިރު ފެނުނީ ދޮރު ކައިރީގައި ބާއްވާފައި އޮތް ފޫޓުފީތާއަކާއި ކަޓަރަކާ. އެހެންވެ ހީކުރީ މަސައްކަތެއް ކުރަން އެތަނަށް ގޮސް އުޅުނު ބައެއް ކަމަށް. ފީތާއާ ކަޓަރާ އޮތް ވާހަކަ އެމީހުންނަށް ގޮވާފައި ބުނާއިރަށް އެމީހުން ދުއްވައިގަތީ." އޭނާ ބުންޏެވެ.

ވަަގުން ދިޔައިރު ބިންމަތީގައި އޮތް ފޫޓުފީތާއާއި ކަޓަރު-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެމީހުންގެ އަތުގައި އޮތް ކޭޝް ޑްރޯވާ ވެސް ލޮލުގައި އަޅައިގަތީ އެވަގުތުގައި ކަމަށާއި އެމީހުން ދުއްވައިގަތުމާއެކު އެމީހުން ފަހަތުން ދުއްވައިގަތީ އެ ވަގުތު އެތާ ކައިރީގައި އޮފް ޑިއުޓީގައި ހުރި ފުލުހެއް ކަމަށް އޭނާ ބުންޏެވެ. އެމީހުންގެ މިސްރާބު ހުރީ ފަރީދީމަގުން ހުޅަނގަށް، ގަޑިބުރާ ވީ ދިމާއަށެވެ.

"ފަހަތުން ދުވަމުން ދިޔަ އިރު މަޑު ކުރަން ވެސް ގޮވި. މަޑު ނުކޮށް، ދުވެފައި ގޮސް ވަނީ އައިޓަމްސް ފިހާރަ ހުންނަ ހަނި ގޯޅިގަނޑު ތެރެއަށް. އެ ގަޑީގައި ފުލުސް މީހާއާ ދިމާލަށް ދަގަނޑު ހޮޅިއެއް ވެސް އެއްލި." އޭނާ ބުންޏެވެ.

އެ ހޮޅިން ފުލުސް މީހާ ރެކުނު ނަމަވެސް، ވަގުންގެ ތެރެއިން އެކަކު ސައިކަލު ސްޓާޓު ކުރަން އުޅުނު ގަޑީގައި ދެން ހުރި މީހާ ގޮސް ފުލުސް މީހާ ކޮއްޕާލައި، ބިންމައްޗަށް ވައްޓާލުމަށް ފަހު ފިލަން މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް ފުލުސް މީހާ އަނެއްކާ ވެސް ތެދުވުމަށްފަހު ސައިކަލު ނައްޓާލަން އުޅެނިކޮށް ކޮއްޕާލި ގަޑީގައި އެމީހުންގެ އަތުން ކޭޝް ޑްރޯވާ ވެއްޓުނު ކަމަށާއި އެމީހުންނަށް ފިލަން ޖެހުނީ އެ ޑްރޯވާ ބާއްވާފައި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވައްކަން ކުރި ދެ މީހުން ވެސް ތިބީ އާދައިގެ ފޭސް މާސްކު އަޅައިގެންނެވެ.

މިކަމާ ގުޅޭ ގޮތުން ފަތަހަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބޫބަކުރު އަބްދުﷲ "ސަން"އަށް ވިދާޅުވީ ފައިސާ ވަތްގަނޑު ފިޔަވައި އިތުރު އެއްޗެއް ވަގަށް ނުނަގާ ކަމަށެވެ.

"ވަތްގަނޑު ވަގަށް ނެގި އިރު އޭގައި ހުންނާނީ 9000 ރުފިޔާ. އެމީހުން ފިލަނިކޮށް މަގުމަތިން ބަޔަކު އެމީހުން ހުއްޓުވަން އުޅުމުގެ ތެރޭގައި ވަތްގަނޑު ސަލާމަތް ކުރެވުނު. ފުލުހުން އައިސް އަޅުގަނޑުމެންނާ ވަތްގަނޑު ހަވާލު ކުރީ. ހަމަ އެ އަދަދަށް ބަރާބަރަށް ފައިސާ ހުރި، އަނބުރާ ލިބުނު އިރުވެސް." އަބޫބަކުރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވަގުން އެ ފިހާރައަށް ވަނީ ދޮރު ހަލާކުކޮށްލައިގެން ކަމަށެވެ.

ފަތަހަ ސުންބުލި ފިހާރައިގެ ދޮރު ހަލާކުކޮށްލާފައި-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"ދޮރު ހަލާކު ކޮށްލައިގެން ވަނީ. ދެން މިރެއިން މިރެއަށް ދޮރު ބަދަލު ކުރެވޭތޯ މި މަސައްކަތް ކުރަނީ. އެކަން ކުރާތީ މިރޭ ފިހާރަވެސް ބަންދު ކޮށްލީ." އޭނާ ވިދާޅުވިއެވެ.

މިއީ ފަތަހައިގެ ފިހާރައެއް ފަޅާލި ދެވަނަ ފަހަރެވެ. މީގެ ކުރިން ފަތަހަ ސުންބުލިން ވައްކަން ކުރީ 2011 ވަނަ އަހަރުގައެވެ. އެ ފަހަރު ވަގުންނަށް ގެންދެވުނީ 1841 ރުފިޔާއެވެ. އަބޫބަކުރު ވިދާޅުވީ ފަތަހައިގެ އެއްވެސް ފިހާރައެއްގެ ވަތްގަނޑުގައި، އެއްވެސް އިރަކު މާ ގިނަ އަދަދަކަށް ފައިސާ ނުބަހައްޓާ ކަމަށެވެ.

މި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.