ކެންބެރާ (މާޗް 3) : އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރުކަމަށް ކުރީގެ ނޫސްވެރިއެއް ކަމަށްވާ ބޮބް ކާ ޢައްޔަން ކޮށްފިއެވެ.

އުމުރުން 64 އަހަރުގެ ބޮބް ކާ އަކީ އެމެރިކާ އަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ އަދި އެމެރިކާގެ ޢަސްކަރީ ވުޖޫދެއް އޮސްޓްރޭލިޔާގައި ބޭއްވުމަށް ވަރަށްބޮޑަށް ވާކާލާތު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާވަނީ އޮސްޓްރޭލިޔާގައި އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ ނިއު ސައުތް ވޭލްޒްގެ ބޮޑުވަޒީރުކަން ވެސް ކުރައްވާފަ އެވެ. ބޮބް ކާ އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރުކަމަށް ޢައްޔަން ކުރެވުނީ ކުރީގެ ޚާރިޖީ ވަޒީރު ކެވިން ރުޑް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މަޤާމުން އިސްތިއުފާ ދެއްވުމަށް ފަހު ވެރިކަން ކުރާ ލޭބާ ޕާޓީގެ ޒަޢާމަތަށް ބޮޑުވަޒީރާ ޖޫލިޔާ ގިލާޑް އާ އެކު ވާދަކުރެއްވުމަށް ފަހު ރުޑްވަނީ އެއިންތިޚާބުގައި ބަލިވެ ވަޑައިގެންފަ އެވެ. އައު ޚާރިޖީވަޒީރު ބޮބް ކާ އާ ޚިލާފަށް ކެވިން ރުޑް އަކީ މާދުރުގައިއޮތް އެމެރިކާއާ ގާތްވުމުގެ ބަދަލުގައި އަވަށްޓެރި އިންޑޮނީޝިޔާއާއި ޗައިނާފަދަ އޭޝިޔާގެ ޤައުމުތަކާ އޮސްޓްރޭލިޔާ ގާތްކުރައްވުމުގެ ވިސްނުމުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ލޭބަރ ޕާޓީގެ ޒަޢާމަތުގެ ވޯޓުން ރުޑް ފޭލްވެ ވަޑައިގަތީ އޭނާގެ މިސިޔާސަތަކީ އެމެރިކާ ރޯލް މޮޑެލަކަށް ނަގާ އޮސްޓްރޭލިޔާގެ ކޮންޒަވެޓިވް ޚިޔާލުގެ ސިޔާސީ ފަރާތްތަކަށް ޤަބޫލުކުރެވޭ ސިޔާސަތަކަށް ނުވާތީ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. އޮސްޓްރޭލިޔާގެ އައު ޚާރިޖީ ވަޒީރު ބޮބް ކާ އަކީ އެމެރިކާ އަށް ތާއީދު ކުރައްވާ ބޭފުޅެއް ނަމަވެސް ދުނިޔޭގެ އިޤްތިސާދުގެ ނާރެސް ކުރިމަގުގައި އޮންނާނީ އެމެރިކާއާއި ޔޫރަޕްގެ ބަދަލުގައި އޭޝިޔާގައި ކަން ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ދުނިޔޭގެ އިޤްތިސާދީ އެންމެ ބޮޑު ދެބާރުގެ ގޮތުގައި ޗައިނާ އާއި އިންޑިޔާ ކުރިޔަށް އޮތް ވިއްސަކަށް އަހަރު ތެރޭގައި ފާޅުވެގެންދާނެ ކަމަށް ބެލެވިފައިވާ އިރު ޖަޕާނާއި ދެކުނު ކޮރެޔާއާ އެކު ބައިނަލްއަޤްވާމީ އިޤްތިސާދުގެ ނާރެހަކަށް ދެންވެގެންދާނީ އޮސްޓްރޭލިޔާގެ އަވަށްޓެރި އޭޝިޔާ ކަމަށް ބޮބް ކާރ ވިދާޅުވެފައިވެއެވެ. (ނޫސްއެޖެންސީތައް)