ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ އިސްލާމްދީނުގެ ހިދާޔަތު ކަމަށާއި އަދި ދިވެހި ގައުމިއްޔަތު ބިނާވެފައިވަނީ ވެސް އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމުގައި މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އެމްއާރުއެމް އިން މިހެން ބުނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ.

އެ ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަމުންދާއިރު އަޅުގަނޑުމެން ހަނދާން ކުރަންވީ، ރާއްޖެ، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި މިއަދާ ހަމައަށް ވެސް ދެމިއޮތުމުގެ އަސްލަކީ، މާތްވެގެންވާ އިސްލާމްދީން ކަމެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އަހުވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ ވެސް އިސްލާމްދީން ކަމަށް ބަޔާނުގައި ވެއެވެ.

އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވަނީ އެހެންކަމުން، އަޅުގަނޑުމެންގެ މެދުގައި މިއޮތް އަހުވަންތަކަމުގެ ގުޅުމުގެ ރޫހު ވަރުގަދަކޮށް، އިސްލާމްދީން ނޫން އެހެން ދީން ތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތް ތަކުން ކުރަމުންދާ މަސައްކަތާއި މެދު ހޭލުންތެރިވެ ތިބެ، އެކަމާ ދެކޮޅަށް އަބަދު ވެސް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

"ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަމުންދާއިރު އަޅުގަނޑުމެން ހަނދާން ކުރަންވީ، ދިވެހިރާއްޖެ، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި މިއަދާ ހަމައަށް ވެސް ދެމިއޮތުމުގެ އަސްލަކީ، މާތްވެގެންވާ އިސްލާމްދީން ކަމެވެ،" ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެން ފެށީއްސުރެ އަޅުކަން ކުރަމުން އައި އެހެން ދީންތައް ދޫކޮށްލައި، ދިވެހިން އިސްލާމްދީން ގަބޫލުކޮށް، ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ރަސްމީކޮށް ބަލައިގަނެފައިވަނީ، ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ ދެ ވަނަ ދުވަހު ކަމަށް ތާރީހީ ލިޔުމުން އެނގޭ ކަމަށެވެ.

ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ އިސްލާމްދީނަށް ގިނަ ހިދުމަތް ތަކެއް ކުރެއްވި މަޣްރިބް ކަރައިގެ އިލްމުވެރިޔާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ކަމުގައި ވެސް ބަޔާނުގައި ހަނދާން ކޮށްދީފައިވެއެވެ.

އެމްއާރުއެމްގެ ބަޔާން ނިންމާލަމުން މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ނިއުމަތް މި ލޮބުވެތި ރާއްޖެއަށް މިންވަރު ކުރެއްވިކަމަށް ޓަކައި މާތް ﷲގެ ހަޟުރަތަށް ހަމްދާއި ޝުކުރު ކުރާ ކަމުގައި ވަނީ ބުނެފައެވެ.

މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ވަރުގަދައަށް ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީގު ދިވެހީންނަށް ދެއްވައި، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ލަހައްޓަވައި، ރާއްޖެއަކީ އަމަން އަމާން ކަން ގާއިމު ވެފައިވާ ސުލްހަ މަސްލަހަތަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ މިނިވަން ގައުމެއްގެ ގޮތުގައި ދެމެހެއްޓެވުމަށް އެދި ދުއާ ކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.