ދިވެހި މުޖްތަމައަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި އަމަލުތަކެއް، ދީނީ ކަންތަކެއްގެ ގޮތުގައި، ފެތުރުމަށް، ބަޔަކު ކުރަމުންދާ މަސައްކަތްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ފޮނުއްވި ހިތޯބުގައެވެ.

ރައީސްގެ ހިތޯބުގައި ވިދާޅުވެފައިވަނީ އޭގެ ނަތީޖާއަކީ އެފަދަ ފިކުރުތައް ގަބޫލުކުރާ މަދު ބަޔަކު، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުމުގެ ނިރުބަވެރި އަމަލުތައް ހިންގަން ފެށުން ކަމަށެވެ.

އެހެންކަމުން މި ސަބަބަށް ޓަކައި، އިލްމުވެރިންނާއި މުދައްރިސުން ވެސް، އިސްލާމްދީނުގެ ސައްހަ އަގީދާ، ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދިނުމަށް، ހާއްސަ ސަމާލުކަން ދެއްދެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސްގެ ހިތޯބުގައި ދިވެހި ގައުމިއްޔަތު ބިނާވެފައި ވަނީ މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައިކަން ފާހަގަކުރެއްވިއެވެ. އަދި އެ ނިއުމަތުގެ މަތީގައި ތާއަބަދަށް ދެމިތިބެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ބޮލުގައި އެޅިފައިވާ، ދީނީ އަދި ގައުމީ ވާޖިބެއްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ހިތޯބު ނިންމަވާލައްވަމުން ވަނީ އަނެކުންގެ ފުރާނައާއި މުދަލާއި އަބުރަށް ހުރުމަތްތެރިކޮށް ހިތައި ރައްކާތެރިވުމުގައި، މާތް ނަބިއްޔާ ދެއްކެވި މަތިވެރި ނަމޫނާގައި ހިފައި އެގޮތަށް އަމަލުތައް ބައްޓަންކުރުމަށް އެދިވަޑައިގަންނަވާފައެވެ.

އަދި ހަސަދަވެރިކަމާއި އަދާވާތްތެރިކަމުން އެއްކިބާވެ، މީސްތަކުންނަށް މައާފްކުރުމަށާއި ބަދަލު ނުހިފުމަށް، މާތް ނަބިއްޔާ ތަކުރާރުކޮށް ދެއްވި އިރުޝާދުތައް ތާއަބަދު ސިކުނޑީގައި ހަރުލެއްވުމަށާއި ކުލުނާއި އޯގާތެރިކަން އިސްކޮށް އިސްލާމްދީނުގެ ރިވެތި އަހްލާގުގެ މަތީގައި ސާބިތުވެ ތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ ރަބީއުލް އާހިރާ މަހެއްގެ ދެ ވަނަ ދުވަހެވެ.