ވިލިމާލޭގައި ދެމުން އައި ބަގީ ހިދުމަތް އަލުން ނުފެށި ލަސްވަނީ ބަގީ ތަކުގެ ބެޓެރިތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް، އެ ހިދުމަތް ދޭ ކުންފުނި ކަމުގައިވާ 99 ހޯލްޑިންސް އިން ބުނެފިއެވެ.

ވިލިމާލޭގެ ބަގީ ހިދުމަތް މިހާރު ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.

މި މައްސަލައާބެހޭ ގޮތުން 99 ހޯލްޑިންސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވިޝާމް "ސަން"އަށް ވިދާޅުވީ ބަގީތައް ދުއްވަމުން އަންނަނިކޮށް، ހަލާކުވާން ދިމާވި ސަބަބަކީ ލޮކްޑައުން ތެރޭގައި އެ ތަކެތި ނުދުއްވާ ބަހައްޓަން ޖެހުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ބަގީ އަކީ ދުއްވަމުން ގޮސް، ނުދުއްވާ ބަހައްޓައިފި ނަމަ ވަރަށް އަވަހަށް ހަލާކުވާ އެއްޗެއް ކަމަށެވެ.

"ފަހުން މި އެއްޗެހި ހަލާކުވި ސަބަބަކީ އަޅުގަނޑުމެން އައު ޝިޕްމެންޓެއްް ގެނައި ވަގުތު ލޮކްޑައުން އައީ. ދެން އަޅުގަނޑުމެން އެއިރު ދުއްވަމުންދިޔަ ބަގީތައް ވެސް ޖެހުނީ ބަހައްޓަން. މިވާގޮތަކީ ބަގީއަކީ ދުއްވަމުންގޮސް، ނުދުއްވާ ބަހައްޓައިފި ނަމަ ހަލާކުވާ އެއްޗެއް. އެހެންވީމަ އެކަން ދިމާވެގެން ބައެއް އުނދަގޫތައް ކުރިމަތިވެގެން މި އުޅެނީ،" ވިޝާމް ވިދާޅުވިއެވެ.

ވިޝާމް ވިދާޅުވީ ޓްރާންސްޕޯޓު އޮތޯރިޓީން ހަދާފައި އޮތް ބަގީ ދުއްވުމުގެ ގަވާއިދުގެ ދަށުން ސިޓީ ކައުންސިލަށް މަތިކޮށްފައިހުރި ބައެއް ކަންކަން މިހާތަނަށް އައިއިރު ވެސް ނުކުރެވި ހުރި ކަމަށެވެ. އޭގެ ސަބަބުން ބަގީ ދަތުރުތައް ކުރަމުން އަންނަނީ ގަވާއިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ގަވާއިދާ އެއްގޮތަށް ބަގީ ހުއްޓި ތަކާއި ރޫޓްތައް ހަދައިގެން ހިދުމަތް ދެވޭނެ ފުރުސަތު ހުޅުވާލަ ދިނުމަށް އެދި ކުރީގެ ކައުންސިލް ތަކަށްވެސް ސިޓީ ލާފައިވާނެ ކަމަށް ވިޝާމް ވިދާޅުވިއެވެ.

"ގަވާއިދުގަ އިންނަނީ ވަކި ރޫޓް ތަކަކުން ބަގީ ރޫޓްތައް ހަދައިގެން ކުރިއަށް ގެންދަން. އަޅުގަނޑުމެން ދަންނަވަމުން މި އަންނަ ވާހަކައަކީ މި ހިދުމަތް މި ގޮތަށް ދެވޭނެ ފުރުސަތު ހުޅުވާލަ ދޭށޭ. އެއީ ބަގީ ހުއްޓި ތަކާ ރޫޓް ކުރެހުމާ އެއީ ސިޓީ ކައުންސިލުގެ ޒިންމާއެކޭ. އެހެންވީމަ އެކަންކަން ރަނގަޅަށް ކޮށްދެއްވާށޭ،" ވިޝާމް ވިދާޅުވިއެވެ.

ވިޝާމް ވިދާޅުވީ އެންމެ ފުރަތަމަ ރޫޓް ނުހެދެނީސް ބަގީ ހިދުމަތް ދޭން ފެށީ ރޫޓް ކުރަހަދޭނެ ކަމުގެ ޔަގީންކަން އޭރު އޮތް ސިޓީ ކައުންސިލުން ދިނުމުން ކަމަށެވެ. އަދި ވިދާޅުވީ އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެކަމަށް އެއްބާރުލުމެއް ނުދޭ ކަމަށާއި އެ ދުވަހު ހަދައިދޭން ބުނި ރޫޓްތައް އަދިވެސް ކުރަހާ ނުދޭ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު އޮތް ކައުންސިލުން އެ ކުންފުންޏާ މިހާރު ބައްދަލު ކޮށްފި ކަމަށާއި އެ ބައްދަލުވުމުގައި ދެފަރާތުން މަޝްވަރާ ކުރެވި އެއްބަސްވުން ތަކަކަށް އާދެވިފައިވާ ކަމަށެވެ.

"ބައްދަލުވުމުގަ އެބޭފުޅުން ވެސް ގަބޫލު ކުރައްވައިފި މިކަމުގަ ދެ ފަރާތުގެ ވެސް މައްސަލަ އެބަހުރި ކަމަށް،" ވިޝާމް ވިދާޅުވިއެވެ.

ވިޝާމް ވިދާޅުވީ މިހާރު އޮތް ކައުންސިލުން ވަރަށް ބޮޑު އެއްބާރުލުމެއްދޭ ކަމަށާއި އެހެންކަމަށްވާނަމަ، ގިނަދުވަހެއްނުވެ، މައްސަލަތައް ހައްލުވެ ހިދުމަތް އަލުން ފެއްޓޭވަރުވާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު"ސަން"އަށް ވިދާޅުވީ ބެޓެރިތަކުގެ ސްޕެއާ ނެތިގެން ބަގީތައް ނުދުއްވޭ ވާހަކަ ކުންފުނީގެ ފަރާތުން ބުނެފައިވާ ކަމަށެވެ.

"އެބޭފުޅުން އަޅުގަނޑުމެން ކައިރީ ބުނެފަ އޮތީ ބެޓެރިތަކުގެ ސްޕެއާ ނެތިގެން ނުދުއްވެނީ ކަމަށް. އެހެންވީމަ އަޅުގަނޑުމެން ބަސް ސްޓޮޕާ ބަސް ރޫޓާ ކަނޑައަޅާ ނިމެންވާއިރަށް ބެޓެރިތައް ލައްވާ ރެޑީ ކުރަންވާނެ،" މޭޔަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ސަމާލު ކަމަށް އެ މައްސަލަ އައީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އެހެންކަމުން ސަރުކާރު ހުޅުވޭ ދުވަހުން ފެށިގެން އެއްބަސް ވުމުގައިވާ ކަންކަން ސިޓީކައުންސިލުން ފަށާނެ ކަމަށެވެ.

ވިލިމާލޭގައި އެންމެ ފުރަތަމަ ބަގީގެ ހިދުމަތް ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.