06 Nov 2021, 15:27
އއ. މަތިވެރީގައި ހުންނަ ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރުގެ ގެސްޓް ހައުސްއެއްގައި މީހަކަށް އަނިޔާކުރި މައްސަލައާ ގުޅިގެން ޖާބިރުގެ ކޮއްކޮ އަލީ އަސްރާރާއި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
މަތިވެރީގައި ޖާބިރު ހިންގާ ކާސާ މިއާ ގެސްޓް ހައުސްގެ ތެރޭގައި މީހަކަށް އަނިޔާކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އޭނާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ވަނީ ފަރުވާދީފައެވެ. ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ, އަނިޔާވެގެން ގެނައި މީހާގެ މޫނުމަތީގެ ތިން ތަނެއް ދުޅަވެފައި ހުރި ކަމަށެވެ. އަދި ތުނބުޅީގައި ހިފައި ދެމިކަމަށް އޭނާ ބުނާއިރު އެ ސަރަހައްދު 'ލޭކޮށައިގެން' ގޮސްފައި ހުރި ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން 37 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މަތިވެރީގައި ހުންނަ ޖާބިރުގެ ކާސާމިއާގައި ރޭ ދަންވަރު ވަނީ އަލިފާނުގެ ހާދިސާއެއްވެސް ހިނގާފައެވެ. އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް, ޖާބިރުގެ ދަރިކަލުން ވަނީ ތުހުމަތުކޮށްފައެވެ. އެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.