03 Mar 2012, 09:32
މިމަހު އަށަކުން 19 ވަނަ ދުވަހުގެ ނިޔަލަށް ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕުގެ ކައުންޓް ޑައުންގެ ފުރަތަމަ ޝޯ މިރޭ ފެށުމަށް ސަން މީޑިއާ ގްރޫޕުގެ ރޭޑިއޯ ޗެނަލް ކަމުގައިވާ ސަންއެފްއެމްއިން ނިންމައިފި އެވެ.
ޗެލެންޖް ކަޕަށް ދިވެހިން ކުރާ ދަތުރުގެ ނަމުގައި މިރޭ 9:00 ޖަހާއިރު ސަންއެފްއެމްއިން ގެނެސްދޭ ކައުންޓް ޑައުން ސޯ ހުށަހަޅައި ދިނުމުގެ ޕެނަލްބޯޑުގައި ރާއްޖޭގެ މަޝްހޫރު ކޯޗުން ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ އަދި ނިއުރޭޑިއަންޓުގެ ހެޑް ކޯޗް މުހައްމަދު ޝިޔާޒް، (މޯހަން( ގެ އިތުރުން ރާއްޖޭގެ ފުއްނާބު އުސް ކޯޗުން ހިމެނާފައިވެ އެވެ.
"ކައުންޓް ޑައުންގެ ޝޯތަކުގައި ވެސް މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިމެނޭނެ. ޝޯތަކުގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ އެނަލިސްޓުން ބައިވެރިވާނެ،" ސަން އެފްއެމްގެ ސްޓޭޝަން މެނޭޖަރު އަލީ ޝިމްރީ ވިދާޅުވި އެވެ.
ޗެލެންޖް ކަޕުގެ ކައުންޓް ޑައުންގެ ފުރަތަމަ ޝޯ މިރޭ ފަށާއިރު، މުބާރާތުގެ އެކްސްކްލޫސިވް އޯޑިއޯ ރައިޓްސް ސަން އެފްއެމްއަށް ވަނީ ލިބިފަ އެވެ.
ސަން މީޑިއާގެ ފަރާތުން މިއަދު ވިދާޅުވީ ޗެލެންޖް ކަޕުގައި ރާއްޖޭގެ ގައުމީ ޓީމު ކުޅޭ މެޗުތައް ސަން އެފްއެމް އިން ވަގުތުން ގެނެސްދިނުމުގެ އިތުރުން، އެ މެޗުތައް ސަން އޮންލައިނުން ވަގުތުން ވެބްކާސްޓް ކުރާނެ ކަމަށާއި މެޗުގެ ލައިވް ކޮމެންޓަރީ ވެސް އޮންލައިންކޮށް އަޑު އެހޭނެ ކަމަށެވެ.
ސަން އޮންލައިންގެ ކްރިއޭޓިވް ޑައިރެކްޓަރު މުހައްމަދު އަފްޒަލް ވިދާޅުވީ ޗެލެންޖް ކަމަޕަށް ސަން އޮންލައިންގެ ވެބްސައިޓުން ދައްކުވައިދޭ ޚާއްސަ ވެބް ޕޭޖުގެ މަސައްކަތް ނިމި ދެ ތުވަހެއްގެ ތެރޭގައި އެ ޕޭޖް އޮންލައިންގައި ތައާރަފު ކުރަން ހަމަޖައްސާފައިވާ ކަމަށެވެ.
މި ފަހަރުގެ އޭއެފްސީ ޗެލްންޖް ކަޕްގައި ވާދަކުރާ އަށް ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާ އިރު، ރާއްޖެ ފަޅީގައި ހިމެނޭ ޓީމްތަކަކީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާއި ތުރްކުމެނިސްތާން އަދި ފަލަސްތީނެވެ. އަނެއް ގްރޫޕްގައި ހިމެނެނީ އިންޑިއާ އާއި ނޯތް ކޮރެއާ އާއި ޕިލިޕީންސް އަދި ތަޖިކިސްތާން އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ އަށް ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ތުރްކުމެނިސްތާނާ ދެކޮޅަށެވެ.