06 Nov 2021, 14:18
ކ. ގުރައިދޫގައި ކުޑަ އަންހެން ކުއްޖަކަ ގެނބިގެން މަރުވެއްޖެއެވެ.
ގުރައިދޫ ކައުންސިލްގެ މެންބަރު އިބްރާހިމް ޝަލީޒް 'ސަން' އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރެއް ހާއިރު ކަމަށެވެ.
ގެއްލިގެން ހޯދަމުން ދިޔަ އެ ކުއްޖާ ފެނުނީ ގުރައިދޫގެ އުތުރު ފަރާތު މޫދުތެރެއިން ކަމަށް ޝަލީޒް ވިދާޅުވިއެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ, ދެ އަހަރުގެ އެ ކުއްޖާއަށް މަންމަ ކާން ދިނުމަށްފަހު ތަށި ގެއަށްލާފައި ނުކުތްއިރު ކުއްޖާ ފެންނަން ނެތް ކަމަށެވެ.
"މޫދު ކައިރީގައި އެ ގެ ހުންނާނީ. ދެން ހޯދަމުން ދަނިކޮށް ފެނުނީ މޫދު ތެރެއިން. ގާތްގަނޑަކަށް ބީޗާއި ތިރީހަކަށް ފޫޓް ދުރުން މައްޗަށް އަރާފައި އޮތްވާ މި ފެނުނީ," ގުރައިދޫން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.
ކައުންސިލް މެންބަރު ޝަލީޒް ވިދާޅުވީ, ސިއްހީ މަރުކަޒަށް އެ ކުއްޖާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.