03 Mar 2012, 09:28
އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރުމަށް މިވަގުތު ތައިލޭންޑުގައި ކޭމްޕު ކޮށްފައިވާ ރާއްޖޭގެ ގައުމީ ޓީމް މުބާރާތުގައި ވާދަކުރުމަށް އަންނަ އަންގާރަ ދުވަހު ނޭޕާލަށް ދާނެ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.
އެފްއޭއެމްގެ އިސް އޮފިޝަލް ވިދާޅުވީ، މުބާރާތައް ތައްޔާރުވުމުގެ ގޮތުން މިވަގުތު ތައިލޭންޑުގައި ކޭމްޕުކޮށްފައިވާ ރާއްޖޭގެ ޓީމު އިތުރު ތަމްރީން ހޯދުމަށް އެ ގައުމުގައި ޖުމްލަ ތިން މެޗެއް ކުޅެފައިވާ އިރު، ކުޅުނު އެއް ވެސް މެޗަކުން މޮޅުވެފައި ނުވާ ކަމަށެވެ. އެގޮތުން މި ދަތުރުގައި ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ތައިލެންޑުގެ ސީނިއާ ޓީމު އަތުން 3- 0 އިން ބަލިވި އިރު ދެ ވަނަ މެޗުގައި ތައިލޭންޑްގެ ފުރަތަމަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ޓީޓީއެމްއާ ކުޅެ 1- 1 އިން ވަނީ އެއްވަރުވެފަ އެވެ. އަދި ރާއްޖެ ކުޅުނު ތިން ވަނަ މެޗު ވެސް ނިމުނީ ތައިލޭންޑުގެ އޮސޮޓްސްޕާއާ ދެކޮޅަށް ކުޅެ 2- 2 ލަނޑުން އެއްވަރު ވެގެންނެވެ.
ތައިލޭންޑަށް ކުރާ މި ދަތުރުގައި ރާއްޖެ މިއަދު ބައްދަލުކުރާނީ އެ ގައުމުގެ ފުރަތަމަ ޑިވިޝަނުގެ ކްލަބަކާ އެކު އެވެ. އަދި މިއަދުގެ މެޗުގައި ރާއްޖެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅޭނެ ކަމަށް އެފްއޭއެމް އިން ބުނެފައިވާ އިރު، ގައުމީ ޓީމް ތައިލޭންޑަށް ކުރަ ދަތުރު އަންނަ ހޯމަ ދުވަހު ނިންމާލާނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.
މުބާރާތުގައި ރާއްޖެ ލައްވާލީ ގްރޫޕް އޭގަ އެވެ. ރާއްޖެއާ އެކު ހިމެނޭ ޓީމްތަކަކީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާއި ތުރްކުމެނިސްތާން އަދި ފަލަސްތީނެވެ.
މުބާރާތުގައި ރާއްޖެ މެޗް ކުޅޭ ދުވަސްތައް:
މާޗް މަހުގެ އަށް ވަނަ ދުވަހު: ރާއްޖެ އާއި ތުރްކުމެނިސްތާން
މާޗް މަހުގެ 10 ވަނަ ދުވަހު: ނޭޕާލާއި ރާއްޖެ
މާޗް މަހުގެ 12 ވަނަ ދުވަހު: ރާއްޖެ އާއި ފަލަސްތީން
މިފަހަރުގެ މުބާރާތުގައި ވާދަކުރުމަށް ނެގި ދިވެހި ޓީމުގެ ސްކޮޑުގައި ހިމަނާފައި ވަނީ 23 ކުޅުންތެރިންނެވެ.