06 Nov 2021, 12:00
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފަރާތުން ކުރިއަށް ގެންދާ "މޯލްޑިވްސް ޓުއަރިޒަމް ރީބޫޓް 2021" އިވެންޓުގެ މީސް މީޑިއާ ކެމްޕެއިން މިދިޔަ އަންގާރަ ދުވަހު އިފްތިތާހު ކޮށްފިއެވެ.
މިއީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ބެޗަލާ އޮފް އިންޓަނޭޝަނަލް ޓުއަރިޒަމް މެނޭޖްމަންޓް އަދި ބެޗަލާ އޮފް އިންޓާނޭޝަނަލް ހޮސްޕިޓާލިޓީ މެނޭޖްމަންޓުގައި ފަހު އަހަރު ކިޔަވަމުން ގެންދާ ދަރިވަރުން އިންތިޒާމު ކޮށްގެން ހިންގާ ހަރަކާތެކެވެ. މި ހަރަކާތަކީ މި ދަރިވަރުން ފުރިހަމަ ކުރަން ޖެހޭ ފަހު އެސެސްމެންޓްގެ ބައެކެވެ.
މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިފައިވާ ގެއްލުން ތަކުން އަރައިގަނެ ކުރިއަށް ދެވެން އޮތް ގޮތްތަކާއި މެދު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މާހިރުންނާއި ބައްދަލުކޮށް އޮޅުން ފިލުވުމެވެ. އަދި މި ދާއިރާގައި މަސައްކަތް ކުރަމުން އަންނަ އެކިއެކި މީހުންނާ ބައްދަލުވެ، ގުޅުން ބަދަހި ކޮށްލާ، ހިޔާލު ބަދަލު ކޮށްލާނެ ހިތްގައިމު މާހައުލެއް ފަހި ކޮށްދިނުމެވެ.
މީގެ އިތުރުން، މި އިވެންޓު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ހޮސްޕިޓާލިޓީ މެނޭޖްމަންޓް ކިޔަވައި ދަރިވަރުންގެ އިސްނެގުމާއި އެކު "ކޮކްޓެއިލް ރިސެޕްޝަނެއް" ތައްޔާރު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
"މޯލްޑިވްސް ޓުއަރިޒަމް ރީބޫޓް 2021" ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ނޮވެމްބަރު 2021 ވާ ހޮނިހިރު ދުވަހުއެވެ. މި ހަރަކާތް ކުރިއަށް ދާނީ މެންހެޓަން ބިޒްނަސް ހޮޓެލްގެ ބެންކުއެޓް ހޯލްގައެވެ.
މި ހަރަކާތް ފަރުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްފައިވާއިރު މި ހަރަކާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އޮންލައިން ލިންކެއް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ. މި ލިންކް މި ހަރަކާތުގެ މީސްމީޑިއާ ޕޭޖްތަކުން ލިބެން ހުންނާނެއެވެ.