ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ރާއްޖެއިން އިތުރު 130 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލޭ ސަރަހައްދުން އަލަށް ނެގި 722 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 19 މީހުންނެވެ.

މުޅި ރާއްޖެއިން 2،801 މީހުންގެ ސާމްޕަލް ނެގިފައިވާއިރު އަތޮޅު ތެރޭގެ ރަށްތަކުން ޕޮޒިޓިވް ވެފައިވަނީ 103 މީހުންނެވެ. އަދި ރިސޯޓުތަކުން މުޅިއެކު އަށް މީހުން ޕޮޒިޓިވް ވެފައިވާކަމަށްވެސް އެޗްޕީއޭގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.

މި ބަލީގައި 25 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއާއެކު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 88،516އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދާ ހަމަައަށް 86،290 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދަކީ 1،968އެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 245އަކަށް އަރާފައެވެ.