06 Nov 2021, 19:31
ވިލިމާލޭގައި ދެމުން އަންނަ ބަގީގެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ނުދެވޭކަމުގެ ޝަކުވާ، ރައްޔިތުންގެ ފަރާތުން ލިބިފައިވާތީ، ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ކަންބޮޑުވުން ފާޅު ކުރައްވައިފިއެެވެ.
ވިލިމާލޭގައި ދެމުން އަންނަ ބަގީގެ ހިދުމަތް ދިނުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ "ސަން"އަށް ވިދާޅުވީ ބަގީގެ ހިދުމަތް މެދުކެނޑިފައި އޮތުމުން ސުކޫލްތަކާއި އޮފީސްތަކަށް ދާ ފަރާތްތަކަށާއި ދޮށީ އުމުރުގެ މީހުންނަށާއި ބަލި މީހުންނަށާއި އަދި ދަތުރުވެރީންގެ އިތުރުން ތުއްތު ކުދިން ގެންގުޅޭ ޅަދަރިމައިންނަށް ވެސް ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ތަކުރާރުކޮށް ކޮންމެ ދުވަހަކުމެ، އޭނާއަށް ލިބެމުން އަންނަ ކަމަށެވެ.
ނަހުލާ ވިދާޅުވީ ދަންވަރުގެ ވަގުތުތަކުގައި ވެސް ދުއްވާ އެއްޗެއް ނުލިބޭ ކަމާއި ބަލިމީހާ ވެސް އަތްދަނޑިމަތީގައި ގެންދަން ޖެހުމާއި ފޮށިތަންމަތި ފަދަ ތަކެތި މަގުމަތީ ދަމާފައި ގެންދަން ޖެހުމަކީ ވިލިމާލޭ ހާލަތު ކަމުގައި ދާއިރާގެ ރައްޔިތުންގެ ދުލުން ކޮންމެ ދުވަހަކު އޭނާއާ ހިއްސާކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ ވިލިމާލޭގައި ބަގީގެ ހިދުމަތް އެއްގޮތަކަށް ވެސް ނުލިބޭތާ މަސް ދުވަހަށްވުރެ ގިނަވެފައިވާ ކަމުގައި ވިލިމާލޭ ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބުމުން މާލޭ ސިޓީ ކައުންސިލްގެ ސަމާލުކަމަށް އެކަން މިހާރު ގެނެސްފައި ވާނެ ކަމަށެވެ.
"ރައްޔިތުން ބޭނުން ވަނީ ވިލިމާލޭގެ އެއްގަމު ދަތުރުފަތުރުގެ ދަތިކަން ހައްލުވުން. ކައުންސިލަރުގެ ހައިސިއްޔަތުން އަޅުގަނޑު އިސްކުރަން ޖެހެނީ ރައްޔިތުންގެ މަސްލަހަތު ކަމަށް ވާތީ ދާއިރާގެ ރައްޔިތުންނަށް ތަކުލީފަކަށްވާ ކޮންމެ ކަމެއްގެ ވާހަކަ ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑު ދައްކާނެ،" ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ ގާނޫނާއި ގަވާއިދާއި އޮންނަ އުސޫލުގެ ބޭރުން އެއްވެސް ކަމެއް ސިޓީ ކައުންސިލުން ނުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލާއި 99 ހޯލްޑިންގްސް އާއިއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އެންމެ ލަސްވެގެން ވެސް 15 ދުވަސް ތެރޭގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށާއި އެ އެއްބަސްވުމާއި ހިލާފު ވެއްޖެ ނަމަ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ސިޓީ ކައުންސިލް ފަސް ނުޖެހޭނެ ކަމަށް ލިޔުމަކުން އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށެވެ.
"އެހެން އެންގުމުން އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު ވިޝާމް ކައުންސިލް ބިއުރޯއަށް ވަޑައިގެންނެވުމަށްފަހު، އެކަމުގެ ހިތްހަމަނުޖެހުމާއެކު، އޭނާ ކޮންޓްރޯލް ކުރައްވާ ޒުވާނުންކޮޅެއް އިހްތިޖާޖަށް ނެރޭނެ ކަމަށް ވިދާޅުވި ނަމަ ވެސް އެކަމަށް ޖެހިލުންނުވާ ކަމުގައި ދަންނަވަން،" ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ ޒާތީ ގޮތް ގެންގުޅުމުގެ ބަދަލުގައި އެގްރިމެންޓުގައިވާ ގޮތުގެ މަތީން ހިދުމަތް ދިނުމުން ރައްޔިތުންގެ ބޭނުން އެ ފުދުނީ ކަމަށެވެ.
ނަހުލާ އެ ކުރެއްވި ތުހުމަތުތަކާ ބެހޭގޮތުން 99 ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވިޝާމް "ސަން"އަށް ވިދާޅުވީ ކައުންސިލަރު ނަހުލާއާ ދެކޮޅަށް ހަރަކާތެއް ހިންގުމަށް، އެއްވެސް ޒުވާނަކަށް ހިތްވަރު ދިނުން، ނުވަތަ އެފަދަ ކަމެއް ކުރަން ވެސް ބުނެފައި ނުވާނެ ކަމަށެވެ.
"ސަންގެ ޓީމުން ވިލިނިގިއްޔަށް އަރުއްވާފަ ކޮންމެ ޒުވާނެއްގެ ކައިރީގަ ވަކިވަކިން އެއްސެވިޔަސް މައްސަލައެއް ނެތް ނަހުލާއާ ދިމާލަށް އެއްޗެއް ބުނަން އަޅުގަނޑު ބުނެފަ އޮތްތޯ. ނޫނީ ނަހުލާއާ ދެކޮޅަށް ވާހަކައެއް ދައްކަން ވެސް އަޅުގަނޑު ބުނެފަ އޮތްތޯ،" ވިޝާމް ވިދާޅުވިއެވެ.
ވިޝާމް ވިދާޅުވީ އޭނާ ޒުވާނުންނަށް އަބަދުވެސް ދޭ ނަސޭހަތަކީ ހަރުކަށިކަން އިސްކުރުމުގެ ބަދަލުގައި ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރުމަށް އިސްކަން ދިނުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ ނަހުލާގެ އިސްތިއުފާއަށް ގޮލާވާ ހަރަކާތެއް ކުރިއަށް ގެންދަން ވިލިމާލޭގެ ޒުވާނުން ތައްޔާރުވަމުން އަންނަ ވާހަކަ މީޑިއާއިން ފެނުނު ކަމަށެވެ. އަދި ވިދާޅުވީ އެކަމާ ބެހޭގޮތުން ޒުވާނުންނާ އޭނާ ސުވާލު ކުރުމުން ވެސް އެފަދަ ކަމެއް ކުރަން އުޅޭ ކަމުގެ މައުލޫތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުގެ ބޮލުގައި ނަހުލާ އެ އެޅުވީ ވަރަށް ބޮޑު ތުހުމަތެއް އިނގޭތޯ. މިކަމުގަ އެއްވެސް ހަގީގަތެއް ނެތް. މިއީ ނަހުލާ އަމިއްލައަށް އުފެއްދި ވާހަކައެއް އިނގޭތޯ،" ވިޝާމް ވިދާޅުވިއެވެ.
ވިޝާމް ވިދާޅުވީ ނަހުލާގެ އިތުރުން ސިޓީ ކައުންސިލްގެ އެހެން މެމްބަރަކާ ދެކޮޅަށް ވެސް ހަރަކާތެއް ހިންގުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި އޭނާ ގަބޫލު ކުރައްވާ ގޮތަކީ މަޝްވަރާގެ ރިވެތި އުސޫލު ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ކަމެއް ދުވަހަކު ވެސް ނުކުރައްވާނެ ކަމަށެވެ.
ނަހުލާ ވިދާޅުވީ މި މައްސަލައަށް ހައްލެއް ނުލިބި ލަސްވާތީ އިތުރު ފަރާތަކުން އެ ހިދުމަތް ދިނުމުގެ ފުރުސަތު ދިނުމަށް ބަގީގެ ހިދުމަތް ދޭނެ އިތުރު ފަރާތެއް ހޯދުމަށް މިހާރު އިއުލާނު ކޮށްފައިވާ ކަމަށެވެ.
ވިލިމާލޭގައި އެންމެ ފުރަތަމަ ބަގީގެ ހިދުމަތް ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.