މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "9 ބޯލް ޗެމްޕިއަންޝިޕް" މުބާރާތް ފަށައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި އިއްޔެ ފެށި އެ މުބާރާތުގައި ރޭ ވަނީ ފިރިހެން ޑިވިޝަންގެ 32 މެޗަކާއި އަންހެން ޑިވިޝަންގެ ދެ މެޗެއް ކުޅެފައެވެ.

ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އެމްޕީބީއޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދު ވަނީ އިބްރާހިމް ރަޝީދު ބަލިކޮށްފައެވެ. އެ މެޗުން ޝާޒް މޮޅުވީ 7-2 ފްރޭމުންނެވެ. އަދި ރޭންކިންގެ ދެވަނައިގައި އޮތް ހުސައިން ފަޔާޒް ވަނީ 7-3 ފްރޭމުން އިބްރާހިމް ދައުސް ބަލިކޮށްފައެވެ.

އެ މުބާރާތް ކުރިއަށްދާނީ އިއްޔެ އިން ފެށިގެން މިމަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގެ މެޗުތައް ކޮންމެ ދުވަހަކު ވެސް ކުރިއަށްދާނެއެވެ. އެ މުބާރާތުގައި ވާދަކުރަނީ ފިރިހެން 64 ކުޅުންތެރިންނާއި އަންހެން 12 ކުޅުންތެރިންނެވެ.

އެ މުބާރާތުގައި މިރޭ ވެސް ފިރިހެން ޑިވިޝަންގެ 32 މެޗާއި އަންހެން ޑިވިޝަންގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.