03 Mar 2012, 09:25
އަވައްޓެރި ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މި މަހުގެ އަށް ވަނަ ދުވަހު ފަށާ އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރާ ޕިލިޕީންސްގެ ގައުމީ ފުޓްބޯޅަ ޓީމް އިއްޔެ ނޭޕާލަށް ހިގައްޖެ އެވެ.
މުބާރާތުގައި ވާދަކުރުމަށް އިއްޔެގެ ވަގުތެއްގައި ނޭޕާލަށް ދިޔަ ޕިލިޕީންސް ޓީމުގައި ހިމެނެނީ 23 ކުޅުންތެރިންގެ ސްކޮޑެކެވެ.
ފިލިޕީންސްގެ ޖަރުމަން ކޯޗް ވީސަސް ބުނީ، މުބާރާތް ފެށުމުގެ ހަތަރު ދުވަސް ކުރިން ނޭޕާލޫގައި ޓީމް ކޭމްޕުކުރަން ނިންމީ ނޭޕާލުގެ ފިނިހޫނުމިނަށް ކުޅުންތެރިން ހާނުވާލުމުގެ ބޭނުމުގައި ކަމަށެވެ.
"އަހަރެން ބޭނުން ވަނީ ކުޅުންތެރިން ނޭޕާލުގެ މާހައުލަށް ހާނުވާލަން. އެހެންވެ ކުރިން އައީމި. ނޭޕާލަކީ ފިނި ގައުމެއް،" ފިލިޕީންސްގެ ޖަރުމަން ކޯޗް ވީސަސް ބުންޏެވެ.
މިފަހަރުގެ މުބާރާތުގައި ޕިލިޕީންސް ހިމެނެނީ ގްރޫޕް ބީ ފަޅީގަ އެވެ. އަދި ޕިލިޕީންސްއާ އެކު އެ ގްރޫޕްގައ ހިމެނޭ އަނެއް ތިން ޓީމަކީ ސަރަހައްދީ ފުޓްބޯޅައިގެ ޗެމްޕިއަނުން ކަމަށްވާ އިންޑީއާ އާއި ތަޖިކިސްތާންގެ އިތުރުން ޑީޕީއާރު ކޮރިޔާ އެވެ.
މުބާރާތުގައި ޕިލިޕީންސް ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ ނުވަ ވަނަ ދުވަހު ނިކުންނާނީ ޑީޕީއާރު ކޮރިޔާއާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ ކަތަމަންޑޫގެ ހަލްސޯކް ސްޓޭޑިއަމްގައި ނޭޕާލްގަޑިން 3:00 ޖަހާއިރެވެ. އަދި ދެ ވަނަ މެޗުގައި މިމަހުގެ 11 ވަނަ ދުވަހު ޕިލިޕީންސް ނިކުންނާނީ އިންޑިޔާއާ ދެކޮޅަށެވެ. އަދި ތިން ވަނަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހު ޕިލިޕީންސް ނިކުންނާނީ ތަޖިކިސްތާނާ ދެކޮޅަށެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މިމުބާރާތުގެ ގްރޫޕް އޭ ފަޅީގައި ހިމެނެނީ ރާއްޖެ، ނޭޕާލް، ތުރްކުމެނިސްތާން އަދި ފަލަސްތީނެވެ.