07 Nov 2021, 09:16
ކަރައަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު އެހާމެ މީރު މޭވާއެކެވެ. ހާއްސަކޮށް ރަމަޟާންމަހު ސުފުރާމަތި ފަޅުފިލުވައިލަދޭ މި މޭވާ ގިނަ މީހުން ބޭނުންކުރަނީ ފަނި ގިރުމަށެވެ. އަދި ކައި ނިންމާފައި ފޮނި އެއްޗެއްގެ ގޮތުގައި ކާން ވެސް ކަރާ ބޭނުންކުރެއެވެ.
ދައްކަން މިއުޅެނީ ކަރާގެ ބޭރު ތޮށިގަނޑުގެ ވާހަކައެވެ. ތޮއްޓަކީ ކުނީގެ ގޮތުގައި އުކައިލެވޭ ގިންތީގެ ބާވަތެކެވެ. ނަމަވެސް އެއީވެސް ތަފާތު ބޭނުންތައް ކުރެވޭ އެއްޗެކެވެ.
1. މިއީ ދަނޑުވެރިކަމުގައި ކުރިއަރާފައިވާ ޒަމާނެވެ. ގިނަ ބާވަތުގެ ކެމިކަލް ބޭނުންކޮށްގެން ގަސްތަކުގައި ފަރުޖައްސަމުންދާއިރު ގަސްތަކަށް ފައިދާހުރި ކާނާ ދިނުމަކީވެސް މުހިންމު ކަމެކެވެ. ކަރާ ތޮއްޓަކީ ގަސްކާނާގެ ގޮތުގައި ބޭނުންކުރުމަށް ރަނގަޅު އެއްޗެކެވެ. ތޮށިގަނޑުގައި އެކުލެވޭ "ޕޮޓޭޝިއަމް މެގްނެސިއަމް" މި މާއްދާގެ ސަބަބުން ގަސް ބުޑަށް ކާނާގެ ގޮތުގައި ކަރާތޮށި އެޅުމުން ވަރަށް އަވަހަށް ގަސް ހެދިގަތުމަށް އެހީތެރިވެއެވެ.
2. ދިވެހިންގެ މެދުގައިވެސް ތަފާތު ވައްތަރުގެ ސަޓަނި ވަރަށް މަގުބޫލެވެ. ތަފާތު ވައްތަރުގެ ތަރުކާރީ ބޭނުންކޮށްގެން އެކި ގޮތްގޮތަށް ސަޓަނި ތައްޔާރުކުރެއެވެ. ކަރާ ތޮށިންވެސް ސަޓަނި ތައްޔާރުކުރެވިދާނެއެވެ. ކަރާ ތޮށިގަނޑު ތުނިކޮށް ކޮށައިލުމަށްފަހު، ފިޔާ، މިރުސް، ލުނބޯ، ލޮނު، އަސޭމިރުސް އަދި ރަހަމީރުކޮށްލުމަށްޓަކައި މަޔޮނައިސްއާ އެކު ރަނގަޅަށް މޮޑެލުމުން ކަރާތޮށި ސަޓަނި ތައްޔާރު ކުރެވުނީއެވެ.
ކަރާ ކެއުމަށްފަހު މިއިން ކަމެއްގެ އަޖުމަ ބަލައިލަބަލާށެވެ.