07 Nov 2021, 09:16
ހަޔާތުގެ ބައިވެރިޔާ ހިޔާރުކުރާއިރު އެންމެ އިސްކަމެއް ދެވޭނީ ބޭރުފުށުން ފެންނަ ބައިވެރިޔާގެ ރީތި ކަމަށެވެ. ހަމަ އެކަނި ފޮޓޯއެއް ބަލައި ފުއްދާލުމަށްފަހު ތިމަންނާގެ ހަޔާތުގެ ބައިވެރިޔަކަށް ވާނީ އެމީހާއޭ ބުނާ އަޑު އިވެނީ މަދެއްކޮށެއްނޫނެވެ.
ތެދެކެވެ. ގިނަ މީހުންގެ ސަމާލުކަން ފުރަތަމަ ހުއްޓެނީ ބޭރުފުށުން ފެންނަ ބުރުސޫރައިގެ ރީތިކަމަށެވެ. ރީތި ނަމަ ހިތް ދެވެނީއެވެ. އެކަމަކު ހަޔާތުގެ ބައިވެރިއަކު ހިޔާރު ކުރުމުގައި ރީތި ކަމަށް ބަލައިގެން ހިޔާރުކޮށްފިނަމަ ގިނަ ފަހަރު ކައިވެނީގެ ނަމުން ބަނދެލެވޭ ގޮށް މޮހިގެންދަނީ އެއްވެސް ހުރަހަކާ ނުލައެވެ. އެމީހާއަށްވުރެ ރީތި އެހެން މީހަކު ފެނުމުން ލޯބިވެވި އަނެކާ ދޫކޮށްލަން ފަސްޖެހެންވީ ސަބަބެއްވެސް ނެތެވެ.
ހަޔާތުގެ ބައިވެރިޔަކު ހިޔާރުކުރުމުގައި އެންމެ މުހިންމީ ތެދުވެރި ވަފާތެރި ބައިވެރިއަކު ހިޔާރުކުރުމެވެ. ލޯބިވާންވާނީ އެފަދަ ސިފަތައް ދެކެއެވެ. ދިރިއުޅުން ބައްޓަންކޮށް ކުރިއަށްދިއުމަށް ފަސޭހަވެގެން ދާނީ އޭރުންނެވެ.
ރީތިކަމަކީ ތާއަބަދު ދެމި އޮންނާނެ އެއްޗެއް ނޫނެވެ. ޒުވާންކަމާއި ރީތިކަމަކީ މިލާ މޯޅިވާ ވަގުތީ ކަމެކެވެ. ނަމަވެސް ތެދުވެރިކަމާއި އިތުބާރާއި ވަފާތެރިކަމަކީ ދާއިމަށް ދެމީހުންގެ މެދުގައި ދެމެހެއްޓޭނޭ ފަދަ ކަންކަމެވެ. ގުޅުމަށް ކިތަންމެ ގިނަ ދުވަސްވީ ނަމަވެސް މިފަދަ ކަންކަމަށް ސަމާލުކަންދީ، އެފަދަ ކަންކަމަށް ލޯބިކުރާނަމަ ދެމީހުންގެ ގުޅުން ހީނަރު ނުވެ، ލޯބި ތާޒާކަންމަތީ ދެމިހުންނާނެއެވެ.