29 Sep 2022, 21:38
އިންޑިއާގައި އެންމެ ގިނަ ބަޔަކު ބަލާ އެއް ރިއޭލިޓީ ޓީވީ ޝޯ ބިގް ބޮސް ގެ 16ވަނަ ސީޒަން އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފެއްޓުމަށް ތައްޔާރުވެއްޖެއެވެ.
ނެދަލޭންޑްސްގެ ޕްރޮޑިއުސާ ޖޯން ޑި މޮލް ޖޫނިއާ 1999 ވަނަ އަހަރު ތައާރަފުކުރި ރިއަލިޓީ ޝޯ، ބިގް ބްރަދާގެ އިންޑިއަން އެޑެޕްޓޭޝަން ބިގް ވިސް އަކީ ދިވެހީންގެ ރޭގައިވެސް މަގުބޫލުކަން ހޯދާފައިވާ ޝޯއެކެވެ.
ބިގް ބޮސްގެ އާ ސީޒަން މިފަހަރުވެސް ހޯސްޓް ކޮށްދީ "ރިންގް މާސްޓާ" އެއްގެ ރޯލު އަދާ ކުރާނީ މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާނެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިފަހަރު ބިގް ބޮސް މެންޝަންގައި ހަތަރު ކޮޓަރި ހިމެނިފައިވާނެ ކަމަށް ޑިޒައިނަރު އޮމަންގް ކުމާރު ވަނީ ބުނެފައެވެ. ލީކްތަކުން ބުނާގޮން މިފަހަރު ބިގް ބޮސް މެންޝަން ޑިޒައިން ކޮށްފައިވަނީ "ސާކަސް" ތީމަށެވެ.
އެއް ގެއެއް ތެރޭގައި 24 ގަޑިއިރު ބައިވެރިންގެ ހުރިހާ ހަރަކާތެއް މޮނިޓާކޮށް ޓީވީތަކާ ހަމައަށް ފޯރުކޮށްދޭ މި ރިއަލިޓީ ޝޯވްގައި މިފަހަރުވެސް ޓީވީ އަދި ފިލްމީ ދުނިޔޭގައި ނަން މަޝްހޫރު ތަރިން ހިމެނެއެވެ. އޭގެތެރޭގައި ދިވެހީން ދަންނަ މޫނުތައް ވެސް ހިމެނެއެވެ. އެ ތަރިންތަކަކީ
ސުމްބުލް ތޮގީރު ޚާން
ސުމްބުލް އަކީ ހިންދީ ފިލްމު އަދި ޓީވީ ސީރީޒްތަކުގައި މަސައްކަތް ކޮށްފައިވާ މަގުބޫލު ތަރިއެކެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ދިވެހީންގެ ތެރޭގައިވެސް ވަރަށް މަޝްހޫރު ޓީވީ ސީރީޒްއެއް ކަމުގައިވާ ސްޓާ ޕްލަސްގެ ޝޯވް އިމްލީ ގައި އޭނާ ކުޅެފައިވާ ރޯލެވެ. އޭނާ ވަނީ 2019 ވަނަ އަހަރު އަޔުޝްމާން ކުރާނާ އާއި އެކު ސުޕަ ހިޓް ފިލްމް އާޓިކަލް 15 އިން ބޮލީވުޑް ފިލްމް އިންޑަސްޓްރީގައި އޭނާގެ ފުރަތަމަ ފެނިލުން ދައްކާލާފައެވެ.
ނިމްރިތް ކޯރު އަލުވާލިއާ
2018 ވަނަ އަހަރުގެ ފެމިނާ މިސް އިންޑިއާ މަނިޕުރް ކާމިޔާބު ކުރި ރީތީގެ ރާނީ ނިމްރިތް އަކީ މިފަހަރުގެ ބިގް ބޮސް ސީޒަންގައި ގިނަ ބައެއްގެ ކަޅިތައް ހުއްޓޭނެ ފަރާތެއްކަން ޔަގީނެވެ. ނިމްރިތް އަކީ މޮޑެލް އަދި އެކްޓްރަސް އެއްގެ އިތުރުން ވަކީލެއް ވެސް މެ އެވެ. ބީ ޕްރާކް އަދި އެހެނިހެން މަޝްހޫރު މިއުޒިކު ޕްރޮޑިއުސަރުންގެ ލަވަތަކުން ފެންނަން ފެށި ނިމްރިތު އެންމެ މަގުބޫލުވެގެން ދިޔައީ ކަލާސް ގެ ސީރީޒް ޗޯޓީ ސަރްދާރްނީ އިންނެވެ.
ގޯތަމް ވިގް
ގޯތަމް ވިގް އޭ ބުނުމުން ގިނަ ބަޔަކަށް ނޭނގުނަސް ޕިޔުޝް ޝުކްލާއޭ ބުނުމުން ގިނަ ބަޔަކަށް މި ތަރިއަކީ ކާކުކަން އެނގިގެން ދާނެއެވެ. ކަލާސްގެ ޝޯވް ޕިންޖްރާ ހޫބްސޫރަތީ ކާ އިން ގިނަ ބައެއްގެ ހިތް ދަމައިގަތް ގޯތަމް މީގެ ކުރިންވަނީ ސްޓާ ޕްލަސްގެ ސީރީޒް ނާމްކަރަން ގައި ވެސް މަސައްކަތް ކޮށްފައެވެ. ވަރަށް އަވަސް މުސްތަގްބަލެއްގައި ފިލްމްތަކުން ފެނިގެންދާނެ ކަމަށް ޚަބަރު ލިބޭ ގޯތަމްއަކީ މިފަހަރުގެ ބިގް ބޮސް ގައި ފޭވަރިޓެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ޝިވް ޓާކްރޭ
ޝިވް އަކީ އެއްވެސް ގޮތެއްގައި ރިއަލިޓީ ޓީވީ ޝޯވްތަކަށް އައު މޫނަކަށް ނުވާނެއެވެ. 2017 ވަނަ އަހަރު އެމްޓީވީ ރޯޑީޒް ރައިޒިންގްގައި ބައިވެރި ވެފައިވާ ޝިވް ވަނީ ބިގް ބޮސް މަރާތީ މީގެ ކުރިން ކާމިޔާބު ކޮށްފައެވެ. އެހެންކަމުން ބިގް ބޮސްގެ އެކްސްޕީއިރަންސް ހުރި މި ހުނަރުވެރި ތަރި މިފަހަރުގެ ޝޯވްގައި ފެނިގެންދާނީ ވަރަށް ތަފާތު ބައިވެރިއެއް ގޮތުގައެވެ. މަރާޓީ ސީރީޒްތަކުގައި އަދި މިއުޒިކު ލަވަތަކުގައި ޝިވް ވަނީ މީގެ ކުރިން ބައިވެރި ވެފައެވެ.
އަބްދުއް ރޮޒިކް
ޝައްކެއް ނެތް ގޮތުގައި މި ފަހަރުގެ ސީޒަންގެ އެންމެ ތަފާތު ހައިރާން ކުރުވަނިވި ތަރިއަކީ ތަޒަކިސްތާނަށް އުފަން އަބްދުއް ރޮޒިކްއެވެ. ޓިކް ޓޮކް ގައި މަޝްހޫރު އަދި ލަވަ ކިޔުމުގެ ހުނަރުވެސް ލިބިފައިވާ ރޮޒިކް މަޝްހޫރުވެގެން ގޮސްފައިވަނީ ޓިކް ޓޮކް ތަރި ހަސްބުއްލާ އާއި އެކު ދިޔަ ކުރިމަތިލުންތަކަށް ފަހުއެވެ. ވަރަށްފަހުން ވަނީ އަބްދުއްގެ ހިންދީ ލަވަ ކިޔުމުގެ ހުނަރުވެސް ވީޑިއޯތަކުން ފެނިގެން ގޮސްފައެވެ. ދުނިޔޭގެ އެތައް ބައެއްގެ މަގުބޫލުކަން ލިބިފައިވާ އަބްދުއް މި ސީޒަނުގައި ވަރަށް ދުރަށް ދަތުރުކުރުމުގެ އުންމީދުގައި ހުރިކަމަށް އޭނާ ވަނީ ބުނެފައެވެ.
ބިގް ބޮސް ގެ އާ ސީޒަން މީޑިއާނެޓުގެ ކަސްޓަމަރުންނަށް ކަލާސް ޓީވީ ޗެނަލުން ފެނިގެން ދާނެއެވެ. މި ޝޯވް އަންނަ ގަޑީގައި ބަލާނުލެވުނަސް ކެޗް-އަޕް ފީޗާ މެދުވެރިކޮށް ފަހުންވެސް މި ޝޯވް ބަލާލުމުގެ ފުރުސަތު އެމް އެސް ޓީވީ އަދި އެމް އެސް ލައިޓް ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ. މީގެ އިތުރުން އެމްއެސް ޑިޖިޓަލް މޯބައިލް އެޕަށް ސަބްސްކްރައިބް ކޮށްގެން ނުވަތަ ކުއިކް ޕޭ މެދުވެރިކޮށް ވައުޗާރ އެއް ބައްލަވަގެން ކޮންމެ ތަނަކު ހުރެވެސް މި ޝޯ ބަލާލެވޭނެއެވެ.