ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެ، މަރުވި މީހުންގެ ޖުމްލަ އަދަދު 245އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދު މެންދުރު 12 ޖަހަން ކައިރިވެފައި ވަނިކޮށް އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެފައިވާ ކަމަށެވެ.

މަރުވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއީ މިމަހު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި ދެވަނަ މީހާއެވެ.

އެގޮތުން ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 81 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހެނދުނު މަރުވެފައިވެއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ވެސް އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 81 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވެއެވެ.

އެޗްޕީއޭއިން ރޭ ހާމަކުރި ތަފާސްހިސާބުގައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އަތޮޅުތެރެއިން 84 މީހަކާއި މާލެއިން 17 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މީގެ އިތުރުން، ރިސޯޓުތަކުން އަށް މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،961 އެވެ.

މި ބަލީގައި މިހާރު ވެސް 27 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާ އިރު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 88،386 އަށް އަރައިފައެވެ. މީގެ ތެރެއިން 86،168 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.