05 Nov 2021, 15:58
ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ ދަފްތަރެއް އެކުލަވާލަން މާލެ ސިޓީ ކައުންސިލުން ނިންމައި، ވެހިކަލް ރަޖިސްޓްރީ ކުރަން ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބެޓެރި ވެހިކަލްތަކުގެ ދަފްތަރެއް އެކުލަވާލަން ނިންމީ ވިލިމާލެއަކީ އިންޖީނުލީ އުޅަނދު އާއްމު ގޮތެއްގައި ނުގެންގުޅޭ ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަންޖެހޭ ކަންކަމުގެ ތެރެއިން ކަމަށެވެ.
ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތައް މިއަދުން ފެށިގެން ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައި ވާކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ފަހު ތާރީހަކީ މި މަހުގެ 19 ވާ ހުކުރު ދުވަހެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، 15 ދުވަހުގެ ތެރޭގައި އޮންލައިންކޮށް ވެހިކަލްތައް ކައުންސިލުގައި ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.
އެގޮތުން، މާލެ ސިޓީ ކައުންސިލްގެވެބްސައިޓްގައި ވެހިކަލް ރަޖިސްޓްރީ ކުރުމަށް ކަނޑައެޅިފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ސެކްޝަންގެ ނަންބަރު 3390812ށް ގުޅުމުން ލިބޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.