05 Nov 2021, 12:19
އައްޑޫ ސިޓީ ލިންކްރޯޑުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، ލިންކްރޯޑް ގައުކެނޑި ބްރިޖް ސަރަހައްދުން ދުއްވާފައި ދިޔަ މީހެއްގެ ސައިކަލު، ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އިއްޔެ ފަތިހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި ސައިކަލު ދުއްވަން އިން 59 އަހަރުގެ ދިވެހި ފިރިހެންމީހާއަށް އަނިޔާވެގެން އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް، ރޭގެ ވަގުތެއްގައި އެމީހާ މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ހިނގާފައި ދިޔަ މީހާއަށްވެސް ކުދި އަނިޔާތައް ލިބިފައިވާ ކަމަށެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސާ ޝާފީ މުހައްމަދު "ސަން" އަށް ވިދާޅުވީ އެކްސިޑެންޓުގައި ހާލުބޮޑުވި މީހާ އިއްޔެ ފަތިހު އެ ހޮސްޕިޓަލަށް ގެންދިޔަ އިރު، އޭނާގެ ބޮލުގެ ނާށިގަނޑާއި މޭކަށިގަނޑާއި ފުރަމެއަށް ވެސް ގެއްލުން ލިބި، އެތެރެހައްޓަށް ލޭ އެޅިފައި ވާކަމަށެވެ.
އޭނާ މަރުވީ، ލިބުނު އަނިޔާތަކަށް އައިސޫޔޫގައި ފަރުވާދެމުން ދަނިކޮށް، ރޭ 11:18 ހާއިރު ކަމަށް ޝާފީ ވިދާޅުވިއެވެ.