03 Mar 2012, 09:20
މި އަހަރުގެ ޔޫތު އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ދޭއްގެ ފަޅިން ވާދަކުރާ ކެލާ ނާޅި ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗް 3-1 ލަނޑުން ކުލަބް ވެލެންސިޔާއިން ކާމިޔާބު ކޮށްފި އެވެ.
ގަލޮޅު ދަނޑުގައި އިއްޔެ ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު، މެޗުގެ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ޖަހައި މެޗުގެ ލީޑް ނެގީ ވެލެންސިޔާ އިންނެވެ. އެ ލަނޑު ވެލެންސިޔާ އަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ފާރިސް އެވެ. އޭގެ ދެ މިނެޓް ފަހުން ކެލާ ނާޅި ސްޕޯޓްސްގެ އަހުމަދު އިނާދު ވަނީ ލަނޑެއް ކާމިޔާބު ކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލި އިރު ދެ ޓީމު ވެސް އެއް ލަނޑު، އެއް ލަނޑުން ނަތީޖާ ހަމަހަމަވި އިރު، ދެ ވަނަ ހާފުގައި ވެލެންސިއާ އިން ލީޑް ނެގީ މެޗުގެ 59 ވަނަ މިނެޓުގައި މުހައްމަދު އިރުފާނެވެ. އަދި މެޗުގައި ވެލެންސިޔާ އަށް ތިން ވަނަ ގޯލް ކާމިޔާބު ކޮށްދިނީ 87 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ވެސް ވެލެންސިޔާއަށް ކާމިޔާބު ކޮށްދިން ފާރިސް އެވެ.
މިދިޔަ އަހަރު އަލަށް ފެށި 20 އަހަރުން ދަށުގެ، މި މުބާރާތް މިފަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ 21 އަހަރުން ދަށުގެ އުމުރު ފުރައަށް ބަދަލުކޮށްގެން ނެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވަނީ ބައިވެރިވެފައި އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްގެން ދިއުމަށް ނިންމާފައިވާ އިރު، ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ އާ ދެ ވަނަ ޓީމެވެ. އަދި ގްރޫޕް އޭ އާއި ގްރޫޕް ބީ ފަޅިން އެއް ވަނަ ހޯދާ ދެ ޓީމުގެ މެދުގައި ސެމީފައިނަލްގެ ފުރަތަމަ މެޗް ކުޅުމަށް ނިންމާފައިވާ އިރު، މެޗުން މޮޅުވާ ޓީމެއް ފުރަތަމަ ޓީމެއްގެ ގޮތުގައި ފައިނަލުން ޖާގަ ލިބޭނެ އެވެ. އަދި ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރުވާ ޓީމެއް އިނގޭނީ ތިން ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ.
މުބާރަތުގައި މިއަދު ހަވީރު 4:00 ގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް އެކެއްގެ ދެ ޓީމް ކަމުގައިވާ މާޒިޔާ އާއި މަހިބަދޫ ސްޕޯޓްސްއެވެ.