04 Nov 2021, 19:29
ދިވެހި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި މިހުރީ އެފްއޭއެމުން އެ އިތުބާރުކުރުމުން ކަމަށާއި، އެހެން ނަމަވެސް އޭނާއަކީ ޖާދޫގަރެއް ނޫން ކަމަށް އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.
ސާފް ޗެމްޕިއަންޝިޕުގެ ބޮޑު ނާކާމީޔާބީއަށްފަހު މޮރިއޭރޯ ރާއްޖޭގެ ޓީމާ ހަވާލުވިތާ ގިނަ ދުވަސްތަކެއް ނުވަނީސް އޭނާއަށް އޮތީ ވަރުގަދަ އިމްތިހާނެކެވެ. އެއީ މި މަހުގެ އަށްވަނަ ދުވަހު ސްރީލަންކާގައި ކުޅޭ މަހިންދުރަ ރާޖަޕަކްސަަ ފޯ ނޭޝަންސް ކަޕްއެވެ.
ގައުމީ ޓީމުގެ އައު ކޯޗަކަށް މޮރިއޭރޯ ހަމަޖެއްސިއިރު، އޭނާ ވެފައިވަނީ މި އަހަރު ތެރޭގައި ގައުމީ ޓީމަށް ކޯޗުކަންކޮށްދޭ ތިންވަނަ ކޯޗަށެވެ. އެގޮތުން މީގެ ކުރިން ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެއިން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ނެދަލެންޑްސްގެ މާޓިން ކޫޕްމަން ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި މި ފަހުން ނިމުނު "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ ވަގުތީ ގޮތުން ހަވާލުވީ އެސިސްޓަންޓް ކޯޗު އަލީ ސުޒޭނެވެ.
ލަންކާގައި ބާއްވާ މުބާރާތުގައި ވާދަކުރުމަށް ގައުމީ ޓީމު މިއަދު އެގައުމަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރިއޭރާ ބުނީ އެ މުބާރާތަކީ ރާއްޖޭގެ ޓީމުގެ ފެންވަރު ވަޒަން ކުރަން ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށާއި، އެމުބާރާތަށް ދަނީ ޓީމު ވަރުގަދަ ކުރުމަށް ކަމަށެވެ.
"މިދިޔަ ދުވަސްތަކުގައި ވަރަށް ބުރަކޮށް ޓީމު މަސައްކަތް ކުރި. އެންމެ ބޮޑަށް މަސައްކަތް ކުރީ ފިޒިކަލް އަދި ޓެކްނިކަލް ކަންކަމަށް. އެކަމަކު އަހަންނަކީ ޖާދޫގަރެއް ނޫން،" އިޓަލީ ބަހުން ވާހަކަ ދައްކަމުން މޮރިއޭރާ ބުންޏެވެ.
މޮރިއޭރޯ ބުނީ އޭނާއާ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަން ހަވާލުކުރަން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމުން ނިންމީ އޭނާގެ މަސައްކަތް ބަލައިގަނެ، އެ އިތުބާރު އޮތުމުން ކަމަށެވެ.
"އަހަރެމެން މި ކުޅެނީ ވަރުގަދަ ޓީމަކަށް ވާން. ހަގީގަތަކީ އަހަރެމެން އެބަޖެހޭ އިދިކޮޅު ޓީމަށް ވުރެ ބާރަށް ދުވަން. އަހަރެމެން އެބަޖެހޭ އޮފެންސާއި ޑިފެންސްގެ ބެލެންސް ވެސް ރަނގަޅު ކުރަން،" މޮރިއޭރޯ ބުންޏެވެ.
ލަންކާ މުބާރާތުގައި ވާދަކުރުމަށް ގައުމީ ޓީމު ފުރިއިރު، މި މުބާރާތުގައި އަނިޔާގެ ސަބަބުން ގޯލްކީޕަރު މުޙައްމަދު ފައިސަލް ނުކުޅޭނެއެވެ. އަދި އާއިލީ ކަމަކާ ގުޅިގެން މި ފަހަރުގެ ސްކޮޑުގައި ޑިފެންޑަރު މޫސާ ޔާމީން (ޔާމްބެ) ވެސް ބައިވެރިވެފައެއް ނުވެއެވެ. އެއާއެކު ގައުމީ ޓީމުގެ ސްކޮޑަށް ޒުވާން ގޯލްކީޕަރު ޔޫސުފް މީސަމް އަބްދުﷲ އާއި މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ނަގާފައެވެ.