04 Nov 2021, 19:22
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ފަށާފައިވާ 1.2 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ދަށުން އެޅި އާ އޭޕްރަން ރަސްމީކޮށް ހުޅުވައިފިއެވެ.
ވީއައިއޭގައި ތަރައްގީކުރި "އޭޕްރަން 3ބީ" ހުޅުވީ މިއަދު ހަވީރު 16:08 ގައެވެ. ހުޅުވުމުގެ ގޮތުން އެތަނުގައި މޯލްޑިވިއަން އެއާބަސް އޭ321 ވަނީ ޕާކު ކޮށްފައެވެ.
އާ އޭޕްރަންގައި ފުރަތަމަ ޖެއްސި މި ބޯޓަށް މަރުޙަބާ ކިޔުމުގެ ގޮތުން ވޯޓާ ސެލިއުޓެއް ވަނީ އަރުވާފައެވެ.
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އޮޕަރޭޓު ކުރަމުން އަންނަ ރާއްޖޭގެ މައި އެއާޕޯޓުގެ އާ އޭޕްރަން ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓް ބައިވެރިވަޑައިގެންނެވިއެވެ.
އޭޕްރަން އިފްތިތާހް ކުރުމުގެ ހަފްލާއަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ގޯޑަން ވިދާޅުވީ އެ އޭޕަރަން އިން ފަސިންޖަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށާއި އެއީ އަވަސް ހިދުމަތެއް ދިނުމަށް މަރާމާތު ކުރި އޭޕްރަން އެއް ކަމަށެވެ.

4 ނުވެންބަރު 2021: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ 3ބީ އޭޕްރަން ހުޅުވުން --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ
"މި އޭޕަރަން 3ބީ މިއޮތީ ޑޮމެސްޓިކް ޓާމިނަލް ކުރިމައްޗަށް ވާ ގޮތަށް، އެހެންކަމުން ފުރާ މީހުންނަށާއި ލަފާ މީހުންނަށް ފަސޭހަ ތަކެއް ލިބޭނެ. އަދި އަވަސް ހިދުމަތަކަށް މި ހިދުމަތްވާނެ. ކަން ޔަގީން. މީގެ އިތުރަށް މި އޭޕްރަންގައި ސަލާމަތީ ރައްކާތެރިކަމުގެ ފީޗާސްތައް އިތުރުކުރާނަން. މިއީ ފަސިންޖަރުންނަށް ފެންވަރު ރަނގަޅު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމެއް،" ގޯޑަން ވިދާޅުވިއެވެ.
ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކުރަމުން އަންނަ އަދަދު އިތުރުވުމާއެކު ވަޒީފާގެ ފުރުސަތުތައް ފަހިވެ އިތުރު މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ގޯޑަން ވިދާޅުވިއެވެ.
އެގޮތުން މީގެ ފަސް މަސް ކުރިންސުރެ ވެސް އަންނަނީ މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރަމުން ކަމަށް ގޯޑަން ވިދާޅުވިއެވެ. އަދި ލަފާކުރެވޭ ގޮތުގައި 700 އަށް ވުރެ ގިނަ މުވައްޒަފުން ނަގާނެ ކަމަށް ގޯޑަން ވިދާޅުވިއެވެ.
މީގެ އިތުރުން އެއާޕޯޓު ބާރުބޮޑުވާ ދުވަސްވަރު ހިދުމަތް ދޭން މަދުވާ ވަސީލަތްތައް ދެނެގަތުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށާއި ވަސީލަތް ހޯދުމަށް ޓަކައި އެތައް ހާސް ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ވެސް ގޯޑަން ވިދާޅުވިއެވެ. އަދި އެއާޕޯޓަށް ގެންނަން ޖެހޭ ފުރިހަމަ ތަރައްގީ ގެންނާނެ ކަމަށް ގޯޑަން ވިދާޅުވިއެވެ.
ހަމައެއާއެކު އަންނަ އަހަރު މެދެއްހާ ހިސާބުގައި ވީއައިއޭއަށް އިލެކްޓްރޯނިކް ޗެކިން ކައުންޓަރުތައް ތައާރަފު ކުރަން ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އާ އޭޕްރަން ހުޅުވުމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ހެޔޮ ބަދަލެއް ގެނެވި މަތިންދާ ބޯޓުގައި ދަތުރުކުރާ މީހުންނަށް ތަކުލީފެއް ނެތި އަވަސް ހިދުމަތްތަކެއް ލިބޭނެއެވެ،
މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިލިއަނަކަށް އަރާފައިވާއިރު، މިހާރު ދުވާލަކު އެވްރެޖުކޮށް 4،494 ފަތުރުވެރިން ރާއްޖެއަށް އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިއާއެކު، ވެލާނާ އިންޓަނޭޝަނަލް އިން އަންނަނީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ފަސިންޖަރުންނަށް ފަސޭހަ ވާނެހެން އިންތިޒާމްތައް ހަމަޖައްސަމުންނެވެ.