ކޮޕް26 ސަމިޓުގައި ބައިވެރިވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސްކޮޓްލޭންޑްގެ ގްލާސްގޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް ރާއްޖެ ވަޑައިގެންފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެެއްގައެވެ. ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވާއިރު އެ ބޭފުޅުން ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ކޮޕް26 ސަމިޓުގައި ރައީސް ސޯލިހު ވަނީ ތަގުރީރުކުރައްވައިފައެވެ. ހަމައެއާއެކު ސަމިޓުގެ ހަވާސާގައި އޮތް މަތީ ފަންތީގެ ބައްްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގެން ވަނީ މަޝްވަރާކުރައްވައިފައެވެ.

ކޮޕް26 ސަމިޓުގައި ވާހަކަދައްކަވަމުން ރައީސްވަނީ ކުރިއަށް އޮތް ގަރުނެއްގެ ތެރޭ ރާއްޖެ ނެތިގެން ހިނގައިދާނެކަމުގެ ބިރު އޮތްކަމަށް ވިދާޅުވެފައެވެ.

ކޮޕް26 ސަމިޓުގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތް ލީޑާޒް އެޓް ދަ ވޯލްޑް ލީޑާޒް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ދިރިއުޅޭ ފަރާތްތަކެކޭ އެއްފަދައިން، ދިވެހިންނަށް ވެސް ދިރިއުޅުމަށް ރައްކާތެރި މާހައުލެއް ލިބުމަކީ ހައްގެއްކަމަށެވެ. އެހެންނޫންނަމަ ދިވެހިން ވެސް ކްލައިމެޓް ރެފިއުޖީންނަށް ވެދާނެކަމުގެ ބިރު އޮތްކަމަށް ރައީސް ވިދާޅުވިއެވެ.

އެ ސަމިޓުގެ އިތުރުން ރައީސްވަނީ ލަންޑަންގައި އޮތް ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) 2021އަށް ވެސް ޒިޔާރާތްކުރައްވައިފައެވެ.