04 Nov 2021, 15:51
އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނެ ވަގުތު މޯލްޑިވްސް އިމިގްރޭޝަނުން ވަގުތީގޮތުން ކުރުކޮށްފިއެވެ.
އިމިގްރޭޝަނުން އިއްޔެ ބުނީ، މިއަދުން ފެށިގެން ޕާސްޕޯޓް ހުށަހެޅޭނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00ން ހަވީރު 04:00އާ ދެމެދު ކަމަށެވެ.
މި ބަދަލު ގެނައީ އިމިގްރޭޝަންގެ އޮންލައިން އެޕް 'އިމުގަ' އަށް ގެންނަމުންދާ އަޕްޑޭޓްތަކާ ގުޅިގެން ކަމަށް އެ އިދާރާއިން ބުންޏެވެ.
ހަމައެއާއެކު އިމިގްރޭޝަނުން ވަނީ ވަކި ގޮތެއް އަންގަންދެން އަމަލުކުރާނީ މިއާއެއްގޮތަށް ކަމަށާއި، އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.
އިމިގްރޭޝަނުން 'އިމުގަ' އެޕް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައި 23 ވަނަ ދުވަހުއެވެ.
އެ ތާރީހުން ފެށިގެން، އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު އެޕްލިކޭޝަން ބަލައިގަތުން ހުއްޓާލަމުން އިމިގްރޭޝަނުން ބުނީ، އިދާރާގެ މަގުސަދަކީ ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.