ޝަރީއަތުގެ މަޖިލީހެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިނުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި އެއް މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރި މީހާގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ތިން ދައުވާއެއް އުފުލައިފިއެވެ.

ޕީޖީ އޮފީހުން ބުނީ އޭނާގެ މައްޗަށް ދައުވާކުރުމަށް ނިންމާފައިވަނީ މިދިޔަ އަހަރުން ފެށިގެން އޭނާ ބޭނުންކުރަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރައީސް ނަޝީދަށް އިންޒާރުދިން މައްސަލައިގައިކަމަށެވެ. އަދި ޓެރަރިސްޓު ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް ބައިއަތު ހިފިކަން އަންގައިދޭ ލިޔުމެއް ސޯޝަލް މީޑިއާގައި ޝާއިއުކޮށްފައިވާތީ ކަމަށެވެ.

މި މައްސަަލައިގައި ދައުވާ އުފުލައިފައިވަނީ ހ.ލައިޓްނައިޓް އިސްމާއީލް ޔާފިސްގެ މައްޗަށެވެ.

އޭނާގެ މައްޗަށް އުފުލަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާާއާއި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.

މިދިޔަ މަހުގެ 22ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހެއްްގައި ވެސް ޔާސިފްވަނީ ރައީސް ނަޝީދަށް އިންޒާރު ދީފައެވެ. އެއާއެކު އޭނާއަށްވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި އެއް މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.