04 Nov 2021, 13:36
އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް ހަދާ ޕިކްނިކް ޒޯނުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.
އައްޑޫ ސިޓީ ހިތަދޫ ރުއްޖެހެރެ ސަރަހައްދުގައި ތަރައްގީ ކުރާ ޕިކްނިކް ޒޯނުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށް އިއްޔެ މޭޔަރު އަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވަނީ އެތަނަށް ޒިޔާރަތް ކުރައްވާފައެވެ.
މި މަސައްކަތް ކުރިޔަށް ގެންދަނީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ އައްޑޫ ފްރެންޑްސް އަދި ބީޓެކް ގުޅިގެން ކަމަށް އެ ކައުންސިލުން ބުންޏެވެ.
އައްޑޫ ސިޓީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު "ސަން" އަށް ވިދާޅުވީ ޕިކްނިކް ޒޯން ތަރައްގީ ކުރަނީ ހިތަދޫ ރުއްޖެހެރެ ހިސާބުގައި، ވެމްކޯ ކުނިކޮށީގެ ދެކުނުން އޮންނަ ސަރަހައްދެއްގައި ކަމަށެވެ.
"(މިހާރު އެތަން) ސާފުކުރަނީ. ސާފުކޮށްފަ ލޭންޑްސްކޭޕިންގެ މަސައްކަތް ކުރިއަށް މި ދަނީ،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެތަނުގެ މަސައްކަތް ފެށުނީ މީގެ 20ވަރަކަށް ދުވަސް ކުރިން ކަމަށެވެ.

އައްޑޫ ހިތަދޫގައި ހަދާ ޕިކްނިކް ޒޯނުގެ ސަރަހައްދު -- ފޮޓޯ/ އައްޑޫ ފްރެންޑްސް
"މިބަލަނީ ވީ އެންމެ އަވަހަކަށް ނިންމާލެވޭތޯ. ވާގޮތަކީ އަޅުގަނޑުމެންގެ ވެހިކަލްތަކާ އެއްޗެހި މަގުހަދަން ގެންގުޅޭ އިކުއިޕްމަންޓް މި ބޭނުންކުރަނީ. ދެން މަގުގެ ހާލަތު ތަންކޮޅެއް ދަށްވީމަ ގިނަފަހަރަށް މަގުތައް ހަދަން މިފޮނުވަނީ، އެހެންވީމަ ތަންކޮޅެއް ލަސްކޮށް އުޅެނީ،" ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕިކްނިކް ޒޯނެއް ހަދަނީ ރައްޔިތުން އާއިލާއެކު ގޮސް އެކުގައި ވަގުތު ހޭދަކޮށްލުމަށް ވަކި ތަނެއް ހަމަޖެއްސުމަށް ކަމަށެވެ. އަދި މިއަހަރު ތެރޭގައި އެތަން ހުޅުވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
"ޕިކުނިކަށް ދާ ހާއްސަތަނެއް ނެތް އައްޑޫސިޓީއަކު އަދިއެއް. އެހެންވެގެން ހަމަ އެކަމަށްޓަކާ އަޅުގަނޑުމެން މިކަން މި ކުރަނީ،" ސައީދު ވިދާޅުވިއެވެ.
ޕިކްނިކް ޒޯނަކީ އައްޑޫ ރައްޔިތުންނަށް އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފަދަ ރީތި ތަނަކަށް ވުމަކީ ކައުންސިލުގެ އުއްމީދެއްކަމަށް ސައީދު ވިދާޅުވިއެވެ. އަދި އައްޑޫގެ ހުރިހާ ރަށެއްގެ މީހުނަށްވެސް އެތަނަށް ޒިޔާރަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަކިން ހާއްސަކޮށް ގުޅިފައިވާ ރައްރަށުން. ދެން ހުޅުދޫ މީދޫންވެސް ހަމަ އާދެވޭނެ. ހަމަ ވަރަށް ރީތިކޮށް ހަދާ ބޮޑު ސަރަހައްދެއް (އެއީ)،" ސައީދު ވިދާޅުވިއެވެ.
އެ ޕިކްނިކް ޒޯން ހަދައި ނިމުމުން އެތަން ބެލެހެއްޓުމަށް ކައުންސިލުން ވަކި ގޮތްތަކެއް ހަމަޖައްސާނެކަން ސައީދު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު އައްޑޫގައި ދެވަނަ ޕިކްނިކް ޒޯނެއް ހަދާނެ ކަމަށާއި އެތަން ހަދާނީ ހިތަދޫ ޑޭޒީމަގުގެ ހުޅަނގުން އީދިގަލި މަގުގެ ސަރަހައްދުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ސައީދު ނުދެއްވައެވެ.