ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެ، މަރުވި މީހުންގެ ޖުމްލަ އަދަދު 244އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދު ހެނދުނު 07:19ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން އައި މީހަކު މަރުވެފައިވާ ކަމަށެވެ.

މަރުވެފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ މި ހިނގާ ނޮވެމްބަރު މަހު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި ފުރަތަމަ މީހާއެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން އެންމެ ފަހުން މީހަކު މަރުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެއީ އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 81 އަހަރުގެ ދިވެހި އަންހެނެކެވެ.

އެޗްޕީއޭއިން ރޭ ހާމަކުރި ތަފާސްހިސާބުގައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އަތޮޅުތެރެއިން 173 މީހަކާއި މާލެއިން 29 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މީގެ އިތުރުން، ރިސޯޓުތަކުން 17 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،981 އެވެ.

މި ބަލީގައި މިހާރު ވެސް 33 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އަންނައިރު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 88،277 އަށް އަރައިފައެވެ. މީގެ ތެރެއިން 86،040 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.