23 Nov 2021, 07:29
﷽
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި މަތިންދާބޯޓު ޖެއްސުމާއިއެކު، ފަސިންޖަރުންތައް ބޯޓުން ފައިބަން ފެށިއެވެ. ކިޔޫގެ އެންމެ ފަހަތުގައި މަޑުކޮށްލައިގެން ހުރި ޒުވާނާ، އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ގަޑިއަކަށް ތަނަކަށް ދާންޖެހުނު ނަމަވެސް، ދެވޭނެ ވަގުތު ދެން ނެތްކަން އެނގުމުން، ޒުވާނާގެ މޫނު މިލައިގެން ދިޔައެވެ. ފިރިހެންވަންތަ ހިނގުމެއްގައި އޭނާ އެއާޕޯޓުން ނުކުމެގެން ކުރިއަށް ހިނގައިގަތެވެ. އަންހެން ކުދިންގެ ކަތި ނަޒަރުތައް އޭނާއަށް ހުއްޓެމުން ދިޔައެވެ. ހަމުގެ ކުލަ އަލި އެ ޒުވާނާ އިސްކޮޅުން ދިގެވެ. ބޮލުގެ އިސްތަށިގަނޑު ނިތްކުރިމަތިން މައްޗަށް ހިއްލާލާފައިވާއިރު، އިސްތަށިގަނޑު އޮތީ، ހެޔޮވަރު ވަރަކަށް ކޮށާލާފައެވެ. އަތްދިގު ހުދު ގަމީހަކާއި ކަޅު ފަޓުލޫނުގައި ބެގީކޮށްފައި ހުރުމުން، ޒުވާނާގެ ގައިގައި ރަސްމީ ފާޑު ޖަހައެވެ.
ޒުވާނާގެ ފަހަތުން ކަހަލަ ގޮތަކަށް ދެއަތުން ދެ ފޮށި ހިފައިގެން އައި މާކިން، ކާރަށް ފޮށިތައް އަރުވާފައި އެނބުރުނެވެ. އޭނާ ސިހުނީ، ކުރިމަތީގައި ދެބުމަ އުފުލާލައިގެން ހުރި ޒުވާނާ ފެނިފައެވެ.
"ޒެކް. ސިއްސައިގެންނޭ އެދިޔައީ..." މާކިން އޭނާގެ މޭގައި އަތް ޖައްސައިލިއެވެ.
"ގަޑި ޖެހިއްޖެ..." އަތުކުރީގައި އޮތް ގަޑި ދައްކައިލަމުން އައިޒަކް ބުންޏެވެ.
"ހުރިހާ ކަމެއް ކުރަންވީމަ ނާދެވޭނެދޯ ބުނާހާ އަވަހަކަށް... ފޮށިތަކާ އެއްޗެހި އުފުލަން މިޖެހުނީ މަށަށްވިއްޔަ..." ޑްރައިވަރު ޝީޓާއި ދިމާއަށް ހިނގައިގަންނަމުން މާކިން ވާހަކަ ދެއްކިއެވެ.
"ފޮށިތައް އުފުލީތަ، ނޫނީ އެތާ ތިބިއްޔާ ތިބި އަންހެންކުއްޖަކާ ފްލާޓްކުރީތަ؟..." އައިޒަކް ބޯ ހޫރައިލިއެވެ. "މާކް، ކޮން ދުވަހަކުންތަ ތިކަން ހުއްޓާނީ؟..."
"އޯހް ކަމްއޯން ޒެކް... ހާދަ ދުވަހެއް ފަހުންނޭ ދިވެހި ކުއްޖެއް މި ފެނުނީ.. ރާއްޖޭގަވެސް ހާދަ ސަޅި ބިޓުން އުޅެއޭދޯ މިހާރު..." މާކިން ހީގަތެވެ.
"ހަތް ފެނުން ދޮވުނަސް ނުވާނެ ރަނގަޅެއް..." އައިޒަކް ފުން ނޭވާއެއް ދޫކޮށްލަމުން، ކާރާއި ދިމާއަށް ހިނގައިގަތެވެ.
ކާރަށް އަރާފައި، ފަހަތުން އައި މާކިންއަށް އޭނާ ބަލައިލީ، ލޯގަނޑުންނެވެ. މާކިން ކާރަށް އެރުމުގެ ކުރިން އައިޒަކް ކާރު ދުއްވައިލިއެވެ.
"އޭތް. މަ ގޮވައިންދޭ..." ކާރުގެ ފަހަތުން ދުއްވައިގަންނަމުން މާކިން ހަޅޭއްލެވިއެވެ.
އައިޒަކްގެ ކާރު ގޮސް ލޯމަތިން އޮބައިލުމުން، މާކިން އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ.
"ވަރެއްގެ މީހެކޭ... އަންހެނެއްގެ ވާހަކަ ދެއްކުނީމަ ދެރައީ... އެންމެ ކުއްޖެއްގެ ސަބަބުން ހުރިހާ އަންހެނުންދެކެ ފޫހިވާނީ މޮޔައެއްނު... ދެން މިޖެހުނީ ކާރެއް ހޯދަން ކިޔޫއަށް އަރަން..." އެނބުރި އައިކޮޅަށް ހިނގައިގަންނަމުން މާކިން އޭނާގެ އަމިއްލަ ނަފުސަށް އަޑުލަމުން ދިޔައެވެ.
********
ޒިބެކް މޯލްޑިވްސްއަކީ، ޚަބަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ގެނެސްދޭ ޓީވީ ޗެނަލެކެވެ. ރާއްޖޭގެ އެންމެ ނަން މަޝްހޫރު ކުންފުނީގެ ދަށުން ހިންގަމުން އަންނަ ޓީވީ ޗެނަލަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައި ވިއެވެ. ވާދަވެރިންގެ ކަޅިތައް އަމާޒުވެފައިވާ ކުންފުނީގައި ގިނައީ ކިޔަވައިގެން ތިބި ޒުވާން މޫނުތަކެވެ.
ކުންފުނީގެ އޮފީސް ހިންގާ ބައި ހަލަބޮލިވެފައިވި ވަގުތެކެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރެ އޮފީސްތެރެއަށް ވަން އަންހެންކުއްޖާގެ ފިޔަވަޅުތައް މަޑުޖެހުނީ، އެކިކޮޅުކޮޅަށް ދުވެދުވެފައި އުޅޭ ކުދިންތައް ފެނުމުންނެވެ. ދެތިން ދުވަހުގެ ޗުއްޓީއަކަށްފަހު، އޮފީހަށް ނުކުތް ދުވަހު ފެނުނު މަންޒަރުން، އަންހެންކުއްޖާ ހުރީ، ހިނގައިގަންނަންވެސް ނޭނގިފައެވެ.
"އިރަމް އަވަހަށް އާދެބަލަ..." ގަބުވެފައި ހުރި އިރަމް ފެނުމާއިއެކު، ސުހާ ގޮސް އިރަމްގެ އަތުގައި ހިފައިލިއެވެ. "އަވަހަށް ގޮސް ކެބިން ސާފުކޮށްލަބަލަ..."
"ކިހިނެއް ވެގެން މިއުޅެނީ؟..." އިރަމް އަހައިލިއެވެ.
"ބޮސް އަންނަނީ ބޮސް..." ސުހާ ބުންޏެވެ.
"ބޮސްއޭ؟... ސައްތާރު؟..." އިރަމް އަހައިލީ، ގަބޫލު ނުކުރެވިފައިވާ ރާގަކަށެވެ.
"ސައްތާރެއް ނޫނޭ މިހާރު ބޮސްއަކީ... އޭނަގެ ދަރި..." ސުހާ ޖަވާބުދިނެވެ.
"އޭނ؟... ސައްތާރުގެ ދަރިއެއް ހުރޭތަ؟..." މަޖާ ރާގަކަށް އެހެން ބުނެފައި، އިރަމް ގޮސް އޭނާގެ ކެބިންއަށް ވަނެވެ.
"އިރަމްގަނޑާ..." އިރަމްގެ ފަހަތުން ކެބިންއަށް ވަން ސުހާ ލޯ އަޅައިލިއެވެ. އިރަމް އިށީނުމުން އޭނާ ގޮސް މޭޒު ކުރިމަތީގައި ހުއްޓިލިއެވެ.
"ކޮންއިރަކުތަ އެ ސައްތާރު މީހަކާ އިނީ؟... އަހަރެން ދުވަހަކުވެސް ސައްތާރުގެ އަންހެނުންނެއް ނުދެކެން..." ސުހާ އިތުރަށް ރުޅިއަރުވައިލުމުގެ ގޮތުން އިރަމް ބުންޏެވެ.
"އަޅެ ދެން، ސީރިއަސްވެބަލަ... އެއީތަ އިރަމް ޝައުޤުވެރިވި ކަމަކީ؟... ގޮސް ސައްތާރު ކުރެން އަހަންވީނު ކިތައް ދަރިން ތިބިތޯ... ނޫނީ މީހަކާ އިނދެގެންދޯ ސައްތާރަށް ދަރިން ލިބުނީ..." ސުހާ ދެއުކުޅުގައި އަތް ވިއްދައިލިއެވެ. "ޗުއްޓީގަ ހުރެފަ އައީމަ ތީނީ ރަނގަޅަށްވެސް ބޯ ސަކަރާތްވެފަ... އަދިވެސް އިނީތަ؟ ދެންވެސް އަވަހަށް އާދެބަލަ ސާފުކުރަން... އަހަރެންވެސް ހެލްޕް ވާނަމޭ..."
"މަސައްކަތްކުރާ ތަނެއްވިއްޔާ އެހާ ތަރުތީބު ނުވާނެކަން ތިބުނާ ޒުވާން ބޮސްވެސް ޖެހޭނެ ގަބޫލުކުރަން..." ކޮމްޕިއުޓަރުގެ އިސްކްރީނަށް ނަޒަރު ހުއްޓައިލަމުން އިރަމް ބުންޏެވެ.
"ޕިސްޕިސްޕިސް... ހާދަ ބޯވެސް ހަރު ކުއްޖެކޭ..." ސުހާ ތުންދަމައިލިއެވެ. "އިނދޭ އިނދޭ... ބޮސް އަންނަންދެން އިނދޭ... މަށަށް ޔަގީން އޭނަ ފުރަތަމަ ބައްދަލުކުރާނީ އިރަމްއާ ކަން... ދެން އެކަމް ފަހުން ނާންނާތި ރޮމުން..."
އަލަށް ތަނާއި ހަވާލުވާ ވެރިޔާ އާއިއެކު ބާއްވާ ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ ފަސްމިނެޓް ކުރިން، ހުރިހާ މުވައްޒަފުން ހޯލަށް ޖަމާވިއެވެ. އިރަމްއަކީ ޕްރޮގްރާމްތައް އުފައްދައި ހުށަހަޅައިދިނުމުގެ މަސައްކަތްވެސް ކުރާ މީހަކަށް ވާތީ، މަސައްކަތުގެ ޝެޑިއުލް ވަރަށްވެސް ބުރައެވެ. ޗުއްޓީގައި ހުރެފައި ނުކުތް ފުރަތަމަ ދުވަހު، ބައްދަލުވުމަށް ދާންންޖެހޭތީ، އިރަމް ހުރީ ފޫހިވެފައެވެ. އިރަމް އާއި ސުހާ ހޯލަށް ވަންއިރު، ހުރިހާ މުވައްޒަފުން އެތަނުގައި ތިއްބެވެ.
"އަޑުއެހިން ވަރަށް ރީތި ބިޓެކޯ ކިޔާ އަޑު... ހުސްކޮންނޯ ހުރީވެސް..." ސުހާ އިރަމްގެ ކަންފަތް ކައިރީގައި ސިއްރުން ބުންޏެވެ. "ކޮންމެސް އަންހެންކުއްޖަކު އޭނައަށް ދޯކާދިންފަހުން އަންހެންކުއްޖަކާ ދިމާލަށް ބަލާވެސް ނުލަޔޯ... ގަބޫލު ކުރެވޭތަ؟..."
"ދެން އެހެންވިއްޔާ، ސުހާ އެކަމާ އުޅެންވީނު... މިފަހަރު ވާނެ ކޮންމެހެންވެސް ތިކަން ކުރަން..." އިރަމް ދިމާކުރިއެވެ.
"ހޫމްމް.. އަހަރެން އަދި ހަނދާންނެތުނީއޭ އިރަމްގެ ގޮތް... ދެން އެހެން ނޫނަސް، އަހަރެންވެސް ބޭނުން ކާމިޔާބު މީހަކަށް ވާން... އެކަމަކު، އަހަރެން ކަހަލަ ކަޅު މީހަކަށް ބަލާނެ މީހަކު ވާނެތަ؟... ހުރިހާ ފިރިހެނުންގެ ދޮން ބައްޓަކީ ތިއެއްނު..." ސުހާވެސް އިރަމް އާއި ދިމާކޮށްލިއެވެ. "އެހެން ބުނާނެތާ، މިތާ ނޫޅޭވިއްޔަ އިރަމްއަށް ހިތް ނުކިޔާ ފިރިހެން ކުއްޖެއް... އަނެއްކާ އެހާ ވަރަށް ހުށައެޅުންތައް ލިބޭއިރުވެސް، ހަމަ އަޅާވެސްނުލާ ތި އިންނަނީ... ހީވަނީ، ތި ބަށި ބިނދެވެނީ ވަކި މީހެއްގެ އަތުންހެން... އަހަންނަށް މިހާރު ހީވޭ، އިރަމްގެ ޚާއްސަ މީހަކު ހުންނަހެން... ނޫނީ މީހަކު ދޯކާދިނީތަ؟..."
"ސާބަސް ސުހާއަށް... މިތާ ދެން ކޮން ވާހަކައެއްތަ ތި ފެށީ..." ސުހާގެ ކޮނޑުގައި ޖަހަމުން އިރަމް ބުންޏެވެ. "އެ އަނޫފްގަނޑު ނާންނަ ދުވަހެއްތަ މިއަދު؟..."
އަނޫފަކީ، އިރަމް އާއި ސުހާ އާއި އެކުގައި މަސައްކަތް ކުރާ ޒުވާނެކެވެ. މަސައްކަތުގެ މާހައުލުގައިވެސް ތިން މީހުންގެ އެކުވެރިކަން ރަނގަޅެވެ.
"ސަލާން ފޮނުވާފަ އޮތް... ވަރެއްގެ މީހެކޭ އެވެސް..." ސުހާ ފޫހި ރާގަކަށް ބުންޏެވެ. "މިކަހަލަ މުހިއްމު ކަމެއް އޮތިއްޔާ، އޭނަގެ ހާލަކީ އެއެއްނު... ރަނގަޅު ލަނޑެއް ދޭނަމޭ މާދަމާ އައީމަ..."
"އެފަކީރުގެ ދުވަސް ތި ދިޔައީ.." އިރަމްއަށް ހެވުނެވެ.
"ޝްޝްޝް... ބޮސް... ބޮސް... ދޮރު ހުޅުވާލައިފި..." ސުހާ އިރަމްގެ ކޮނޑުގައި ކޮއްޓައިލިއެވެ. "ވަދެއްޖެ ވަދެއްޖެ..."
އިރަމް އިނީ، ދޮރަށް ފުރަގަސްދީގެންނެވެ. ސުހާ ދޮރާއި ދިމާއަށް އިޝާރާތްކޮށްލި ނަމަވެސް، ފަސްއެނބުރި ބަލައިލުމުގެ ޝައުޤުވެރިކަމެއް އޭނާގެ ނެތެވެ. ދާދި ކައިރިން މީހަކު ހުރަސްކޮށްލުމުން ދުވި ލުއި ސެންޓެއްގެ މީރުވަހާއިއެކު، އިރަމްއަށް ލިބުނީ ހައިރާންކަމެކެވެ. ފަސްއެނބުރި ބަލައިލެވުނީ، އޭނާގެ އިހުތިޔާރުން ބޭރުގައެވެ. ދުވީ، އިރަމްއަށް އައު ވަހެއް ނޫނެވެ.
ފަސްދީފައި ދިޔަ ޒުވާނާ އިރަމްއަށް ފެނުނީ، ފުރަގަހުންނެވެ. ރަސްމީ ހެދުމެއްގައި ހުރިއިރު، ޒުވާނާގެ ހިނގުމާއި، އިސްކޮޅާއި، ހަށިގަނޑު ފެނި، އިރަމްގެ ނޭވާ އަވަސްވިއެވެ. އެއީ ހަމަ އެ ހަށިގަނޑެވެ. އެ އިސްކޮޅެވެ. ފުރަގަހުންވެސް އެ މީހަކު ވަކިކުރަން އިރަމްއަށް އުނދަގޫ ކަމަކަށް ނުވިއެވެ. އެމީހަކު ގޮސް ރިޔާސަތުގައި ބަހައްޓާފައިވާ ގޮނޑީގައި އިށީނދެ، ކުރިމަތީގައި ތިބި މުވައްޒަފުންނަށް ނަޒަރު ހުއްޓާލަންދެން، އިރަމް އިނީ ކަޅި ޖަހައިވެސް ނުލައި ބަލާށެވެ.
"އައިޒަކް؟..." ފެނުނު ސޫރައަކުން، އިރަމްގެ ނޭވާ ހީވީ، ހުއްޓުނު ހެންނެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. އެއީ އިރަމްއަށް އައު މޫނެއް ނޫނެވެ. އެފަދަ މާހައުލަކުން ބައްދަލުވެދާނެ ކަމަށް އޭނާ ކުޑަކޮށްވެސް އުއްމީދުކުރި ސޫރައެއް ނޫނެވެ.
އިރަމް އަވަހަށް ސުހާ ލިޔަން ގެންގުޅުނު ފޮތް ދަމައިގަނެފައި، އެއިން މޫނު ފޮރުވައިލިއެވެ.
"ކީއްތަ ތި ކުރަނީ؟..." އިރަމްގެ އަތުން ފޮތް އަތުލަން މަސައްކަތްކުރަމުން ސުހާ ބުންޏެވެ.
"ޝްޝްޝް... މަޑުން އިނދެބަލަ..." ސުހާ ހުއްޓުވަން އިރަމް މަސައްކަތްކުރިއެވެ.
ރިޔާސަތުގައި އިށީނދެލައިގެން އިން އައިޒަކްގެ ނަޒަރު ވަނީ، އިރަމްއަށް ހުއްޓިފައެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ދަންނަ މޫނެއް ފެނުނުހެން އޭނާއަށް ހީވިއެވެ. އައިޒަކް ރަނގަޅަށް ބަލައިލުމުގެ ކުރިން އެކުއްޖަކު މޫނުގައި ފޮތް އެޅުމުން، ކާކުކަން ޔަގީންވާ ވަރެއް ނުވިއެވެ.
"އިރަމް؟..." ޝައްކުގެ ނަޒަރަކުން، އިރަމް އާއި ދިމާއަށް ބަލަން އިން އައިޒަކްގެ ހިތް ބުނެލިއެވެ.
އައިޒަކް އޭނާގެ އަމިއްލަ ތައާރަފެއް ދީ، ބައްދަލުވުން ފެށިއެވެ. ކޮންމެ މުވައްޒަފަކުވެސް އެ މުވައްޒަފެއްގެ ތައާރަފެއް ދިނުމަށް އޭނާ އެދުނެވެ.
ސުހާ ފޮތް އަތުލުމުން، އިރަމް އިނީ އޭނާގެ ކައިރީގައި އިން ކުއްޖާ އާއި ނިވާވެލައިގެންނެވެ. ފަހަރަކު މުވައްޒަފެއްގެ ތައާރަފު ދެމުން އައިސް އިރަމް އާއި ޖެހުނެވެ. ކޮޅަށް ތެދުވާންވެސް ނުކެރިފައި އިރަމް އިނެވެ. އެންމެންގެ ނަޒަރު އިރަމްއަށް ހުއްޓިފައި ވިއެވެ.
"އައިޝަތު އިރަމް... ހެޑް އޮފް ޕްރޮގްރާމިން ޑިޕާޓްމެންޓް..." އިރަމް އެއް ނޭވާއިން ހުރިހާ ވާހަކައެއް ބުނެ، ނިންމައިލިއެވެ.
އިރަމްގެ އަޑު އިވުމާއިއެކު، އައިޒަކްގެ މޫނުން ތަފާތު އަސަރެއް ފެނިގެން ދިޔައެވެ. އެ އަންހެންކުއްޖާގެ މޫނު ފެނޭތޯ އޭނާ ކުޑަކޮށް ބޯ އަރިވެސް ކޮށްލި މެއެވެ. އިރަމް އިނީ އަނެއް ފަރާތަށް އެނބުރިގެންކަމުން، އައިޒަކްއަށް އިރަމްގެ މޫނު ފެންނަގޮތެއް ނުވިއެވެ. އެކަމަކު، އައިޒަކްގެ ހިތުގައި އޮތް ޝައްކު ޔަގީނާއި ގާތްވިއެވެ. އެއީ ހަމަ އެ ސޫރަ ކަމުގައި އޭނާގެ ހިތް ބުނަން ފެށިއެވެ.
އިރަމް ވާހަކަ ދައްކާ ނިމުމުން، ސުހާ އިރަމްގެ ގައިގައި ވިކައިގަތެވެ.
"ކޮން ފާޑަކަށް އުޅޭ ދުވަހެއްތަ؟.. އެންމެން އެ ބަލަނީ އިރަމްއަށޭ.." ސުހާ ހަމައެކަނި އިރަމްއަށް އިވޭ ވަރަށް ބުންޏެވެ.
"ބެލިޔަސް ކީއްކުރާނީ؟.. އަހަރެން މި ވެއްޓުނީ އަލިފާންގަނޑަކަށް... ރޯވެގެން އަނދާ އަޅިއަށްވެފަ އޮއްވާ ދެން ފެންނާނީ..." އިރަމްގެ މޫނު ވަނީ މަލެއްހެން މިލާ މޯޅިވެފައެވެ. "ހުރިހާ ކަމެއް ހަމަވެއްޖެ... ކަނޑުގެ އެންމެ އަޑީގަ ފަތަފަތާ އޮއްވާ ކަންނޭނގެ ނޭވާ ކޮޅަށްދާނީ..."
"ކީކޭތަ ތިކިޔަނީ؟... ކަނޑުއަޑީގަވެސް ފެތޭތަ؟... ހަމަ ރަނގަޅަށްވެސް ތީނީ ޗުއްޓީ މޮޔަވެފަ..." ސުހާ ބޯ ހޫރައިލަމުން ބުންޏެވެ.
ބައްދަލުވުން ނިންމާ، މުވައްޒަފުން ހޯލުން ނުކުންނަން ފެށިއެވެ. އިރަމް ފެނޭތޯ އައިޒަކް ކޮޅަށް ތެދުވެލިއެވެ. މީހުންތަކުގެ ތެރެއިން އޭނާއަށް އިރަމް ފެނުނީ، ދޮރާއި ދިމާއަށް ދަނިކޮށެވެ. އިރަމް ބެލީ އަވަހަށް އެތަނުން ސަލާމަތްވެވޭތޯއެވެ. އައިޒަކްއަށް ފެނުމުގެ ކުރިން، އޭނާ މީހުންތަކުގެ ތެރެއިން ނުކުމެގެން ގޮސް، ކެބިންއަށް ވަނެވެ. ދޮރުފޮތިތައްވެސް ތިރިކޮށްލައިގެން އިރަމް އިނީ، ދެއަތުން މޫނު ފޮރުވާލައިގެންނެވެ. ކުއްލިއަކަށް ދޮރު ހުޅުވާލި އަޑު އިވިފައި އިރަމް ފުންމައިގެން ތެދުވިއެވެ.
"އާހް... ކިރިޔާއޭ ހާޓްއެޓޭކެއް ނުޖެހުނީ..." އެތެރެއަށް ވަން، ސުހާ ފެނުމުން އިރަމް ބުންޏެވެ. "ޓަކި ޖަހާލާފަ ވަދެބަލަ..."
"ހާޓްއެޓޭކެއް ނޫން ހުރިހާ އެއްޗެއް ޖެހޭނެ... އޭރުވެސް ބުނީމެއްނު ސާފުކުރާށޭ... ބޮސް އެބަ އާދޭ ސީދާ މިތަނަށް..." ސުހާގެ ޖުމްލަ ނުނިމެނީސް، އިރަމް ދުއްވައިގެންފިއެވެ. ވާނުވާ ނޭނގިފައި ސުހާ ހުރީ، އިރަމް ދިޔައީ ކޮންތާކަށްކަން ނޭނގޭތީ، ހަދަންވީގޮތެއް ނޭނގިފައެވެ.
އިރަމްއަށް ނުކުމެވުނީ، އައިޒަކްގެ ކުރިމައްޗަށެވެ. އައިޒަކް ހުރީ މާކިން އާއި ވާހަކައެއް ދައްކަންކަމުން، އިރަމްއަށް އެ ނަޒަރުން ސަލާމަތްވާން ފުރުސަތު ލިބުނެވެ. އިދާރީ މުވައްޒަފުން ތިބޭ ބަޔާއި ދިމާއަށް ދިޔަ މުވައްޒަފެއްގެ ނިވަލުން ގޮސް، އިރަމް ފާރަކާއި ނިވާވެލިއެވެ. އަދި ބޮނދަމުން ކަހަލަ ގޮތަކަށް ފާޚާނާތަކާއި ދިމާއަށް ދިޔައެވެ. އިރަމްގެ ހަރަކާތްތަކަށް ބަލަން އިދާރީ މުވައްޒަފަކު ހުރީ، ދެލޯ ބޮޑުކޮށްލައިގެންނެވެ. އެ މަންޒަރު ފެނުމާއިއެކު، އިރަމް ގަދަކަމުން ކަހަލަގޮތަކަށް ހީލިއެވެ. އެއަށްފަހު، އަތުގެ އިޝާރާތުން އޭނާގެ ކައިރީގައި އެތަނުން ދިޔުމަށް އެދުނެވެ.
ފާޚާނާއަށް ވަދެ، ދޮރުގައި ލެނގިލިގޮތަށް އިރަމް ހުރީ، މޭގައި އަތް ޖައްސާލައިގެންނެވެ. އަބަދު އައިޒަކްއަށް ފިލައިގެން ނޫޅެވޭނެ ކަންވެސް އޭނާއަށް އެނގެއެވެ. އެކަމަކު، އައިޒަކްގެ ކުރިމައްޗަށް އަރާނެ ހިތްވަރު އިރަމްގެ ގައިގައި ނެތީއެވެ. އެތައް އިރެއް ކޮށްފައި އިރަމް ފާޚާނާއިން ނުކުތެވެ. ލަސްފިޔަވަޅުތަކެއް ނަގަމުން ކުރިއަށް ހިނގައިގަތް ވަގުތު، ކުރިމަތީގައި ހުރި އައިޒަކް ފެނި، އިރަމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
"އިރަމް..." ފިރިހެންވަންތަ ބަރު އަޑަކުން އައިޒަކް ގޮވައިލިއެވެ.
އިރަމްގެ ގައިން ހީބިހި ނަގައިގަތެވެ.
"ތިއުޅެނީ އަހަންނަށް ފިލައިގެންތަ؟... ނޫނީ ގަސްދުގަ އަހަރެން އިގްނޯ ކުރަނީތަ؟..." އައިޒަކް އަހައިލީ ރުންކުރު ރާގަކަށެވެ.
އައިޒަކްގެ ކަޅުކަންގަދަ ދެބުމަ ކައިރިވެފައިވާއިރު، އެ އޮމާން މޫނުގައި ތުނިކޮށް ފަޅާފައިވާ ތުނބުޅިން ފިރިހެންވަންތަކަން އިތުރުވެފައި ވިއެވެ. ތޫނު ދެލޯ ހަނިކޮށްލައިގެން ހުރިއިރު، އެ ނަޒަރު އަމާޒުވެފައިވީ، ސީދާ އިރަމްގެ ދެލޮލަށެވެ. އިރަމް އަވަހަށް އޭނާގެ ނަޒަރު ބަދަލުކޮށްލިއެވެ.
"ލޯންގް ޓައިމް..." އައިޒަކް ބުނެލިއެވެ. "އަހަރެން ހީކުރީ އަހަންނަކީ ކާކުކަން އިރަމްއަށް ނޭނގޭނެ ކަމަށް..."
އިރަމްއަށް އޭނާގެ ތިރީ ތުންފަތުގައި ދަތްއަޅައިލެވުނެވެ. އައިޒަކް ފެނުމުން ފިލަންނޫޅެ، އަޅާވެސްނުލާ ހުރެވުނުނަމައޭ ހިތަށް އެރިއެވެ.
އިރަމްގެ ފައިން ފެށިގެން މޫނާއި ހަމައަށް އައިޒަކްގެ ނަޒަރު ދަތުރުކޮށްލިއެވެ. އެ އަންހެންކުއްޖާ ކުރިއަށްވުރެ ހިއްކެވެ. ދިގު އިސްތަށިގަނޑު ކަނދުރާ އާއި ހަމައަށް ކޮށާލާފައިވާއިރު، ކުރިން ރާޅުކޮށް އޮތް އިސްތަށިގަނޑު އޮތީ، ފަންކޮށްލާފައެވެ. ވޫލުކޮޅަކުން އިސްތަށިގަނޑު އައްސާލާފައިވާތީ، ދޮން ކަނދުރާ ހާމައަށް ފެންނަން އޮތެވެ. ކުރިއެކޭ އެއްގޮތަށް އެކުއްޖާގެ ރީތި ކަމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ކޮންމެ ގޮތަކަށް ހުއްޓަސް، އެހާމެ އަންހެންވަންތަވެފައި، ރީއްޗެވެ.
އައިޒަކް ކުޑަކޮށް ކުރިއަށް ޖެހިލައި، އިރަމް އާއި ދިމާއަށް ގުދުވެލިއެވެ. އެއަށްފަހު، އިރަމްގެ ކަނދުރާ އާއި ދިމާއިން ފުރަގަހަށް އަތް ގެންދަން ފެށިއެވެ. ނޭވާ ލާންވެސް ނުކެރިފައި ހުރި އިރަމްގެ ހިތް ހީވީ ބޭރަށް ފުންމައިލަން އުޅުނުހެންނެވެ. އައިޒަކް އެ އުޅެނީ ކީއްކުރަން ހެއްޔެވެ؟ އިރަމްގެ ހިތުގެ ތެޅުމުގެ އަޑު އައިޒަކްގެ ކަންފަތާއި ހަމައަށް ވާސިލުވާނޭކަމާއިމެދު ކުޑަވެސް ޝައްކެއް ނެތެވެ. ދުރަށްދާން ބޭނުންވި ނަމަވެސް، ގުޑިވެސް ނުލެވިފައި އިރަމް ހުރީ، ޖެހި ބުދެއް ހެންނެވެ. ކަޅި ޖަހައިލުމެއްނެތި، ކައިރިވަމުންދިޔަ އައިޒަކްގެ މޫނަށް ބެލުން ނޫންކަމެއް އޭނާއަކަށް ނުކުރެވުނެވެ. އައިޒަކްގެ އަވަސް ހަރަކާތާއިއެކު، އިރަމްގެ އިސްތަށިގަނޑުގައި އައްސާލާފައިވާ ވޫލުކޮޅު ދަމައިގަތީ ދާދި ފަސޭހައިންނެވެ. އެންމެ އަމަލަކުން އިރަމްގެ ކަނދުރާގައިވާ ލޯލިތައް ކޮޅަށްޖެހިގެން ދިޔައެވެ.
(ނުނިމޭ)