ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ނެގި 4،069 ސާމްޕަލްގެ ތެރެއިން 219 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ދެ ދުވަހުގެ މެދުކެނޑުމަކަށްފަހު މިރޭ އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ، އަތޮޅުތެރެއިން 173 މީހަކާއި މާލެއިން 29 މީހުންނެވެ.

މީގެ އިތުރުން، ރިސޯޓުތަކުން 17 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،981 ކެވެ.

މި ބަލީގައި 33 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 88،277 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 85،040 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ ޖުމްލަ 243 މީހުންނެވެ.