02 Mar 2012, 23:04
އިއްޔެ އެމްޑީޕީން ކުރި މުޒާހަރާ އާއި ގުޅިގެން ރޭ ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިތުރު ކުރި 60 މީހުންގެ މައްސަލަ މާދަމާ ހައިކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ގާނޫނީ ކޮމެޓީގެ މުގައްރިރު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ އެމްޑީޕީން އިއްޔެ ބޭއްވީ ސުލްހަވެރި މުޒާހަރާއެއް ކަމަށާއި، އެ މުޒާހަރާއާއި ގުޅިގެން ރޭ ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިތުރުކުރި 60 މީހުންގެ މައްސަލަ މާދަމާ ހެނދުނު ހައިކޯޓަށް ހުށަހަޅާނެކަމަށެވެ. އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވާނެ ކަމަށް ހައިކޯޓުން ބުނެފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިއްޔެގެ މުޒާހަރާއާއި ގުޅިގެން ރޭ ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިތުރުކުރި 60 މީހުންގެ މައްސަލަ މާދަމާ ހެނދުނު ހައިކޯޓަށް ވައްދާނަން. މިހާރު ވަނީ އެކަމާއި ގުޅޭ ހުރިހާކަމެއް ނިމިފަ. އަޅުގަނޑުމެންނަށް ހައިކޯޓުން އަނގަ ބަހުން މައުލޫމާތުދެއްވާފައި ވަނީ މާދަމާގެ ވަގުތެއްގައި އަޑުއެހުންތައް ޝެޑިއުލް ކުރައްވާނެ ކަމަށް،" އަހުމަދު ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ އެ 60 މީހުންގެ މުއްދަތު ކްރިމިނަލް ކޯޓުން ޖަހައިދީފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ޚިލާފަށް ކަމަށެވެ.
އޭނާ ވިދާޅުވީ ރޭ މުއްދަތު ޖަހާފައިވަނީ މީގެ ކުރިން ބާއްވާ މުޒާހަރާތަކާއި ގުޅުގެން ކޯޓަށް ހާރިރުކުރެވޭ މީހުންގެ މުއްދަތު ޖެހުމުގައި ކޯޓުން އަމަލުކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް ކަމަށެވެ. އަދި މުއްދަތު ޖެހުމުގައި އެމްޑީޕީގެ މީހުންނަށް ވީމަ ތަފާތުކުރުންތަކެއް ކޯޓުން ގެންގުޅެފައިވާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.
އެމްޑީޕީގެ ގާނޫނީ ކޮމެޓީގެ މެންބަރު އަބްދުﷲ ޝާއިރު ވިދާޅުވީ ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ހިސާބުން ފެށިގެން މިހާތަނަށް ބަންދުގެ މުއްދަތު ޖެހުމުގައި އާންމުގޮތެއްގައި ކޯޓުން ބަލަނީ އެމީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށެއް އެމީހާ އެކަންކުރިކަމަށް ގަބޫލުކުރެވޭ ފަދަ ސަބަބެއް އޮތްތޯ ބަލައިގެން ކަމަށާއި ނަމަވެސް ރޭ މުއްދަތު ޖަހައިދިން އިރު އެގޮތަށް ކޯޓުން ބަލާފައި ނުވާކަމަށް ވެސް ޝާއިރު ވިދާޅުވި އެވެ.
"އާންމުގޮތެއްގައި ކޯޓުން ބަލީ އެމީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށެއް އެމީހާ އެކަންކުރިކަމަށް ގަބޫލުކުރެވޭ ފަދަ ސަބަބެއް އޮތްތޯ އޭގެތެރޭގައި އެންމެ ކުޑަމިނުން މީހަކު ބޫނާބުނުމެއް އޮންނަނަމަ އެބަޖެހޭ އެމީހާގެ ބަޔާނެއް އޮންނަން. ރޭ މުއްދަތު ދެއްވިއިރު މީގެތެރެއިން އެއްވެސް އެއްޗެއް ނެތް،" ޝާއިރު ވިދާޅުވި އެވެ.
ޝާއިރު ވިދާޅުވީ މީގެ ކުރިން މާލޭގައި ކުރި މުޒާހަރާތަކުގައި ޗާންދަނީ މަގާއި މަޖީދީ މަގުގައި ޖަހާފައިތިބި ފެންފޯއް ރުއްތައް އުފުރި މީހުން ކޯޓަށް ގެންދިޔުމުން ވެސް މުއްދަތު ޖަހާދީފައި ނުވާކަމަށާއި ނަމަވެސް ފެންފޯއްރުއްތައް އުފުރި ފޮޓޯތަކާއި ވީޑިއޯތަށް ހުރިކަމަށެވެ.
އޭނާ ވިދާޅުވީ އެއްގަޑިއެއްގައި ދެ ގާޒީން ރޭ މުއްދަތު ޖެހިއިރު އެއްކަމެއްގައި ދެގޮތަށް ދެ ގާޒީން މުއްދަތު ޖަހާފައިވާ ކަމަށެވެ.
އިއްޔެގެ މުޒާހަރާގައި ފުލުހުން ހައްޔަރު ކުރި މީހުންގެ މުއްދަތު ޖެހުމަށް ރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތު މަޖިލީހުގައި ފުލުހުން ބުނެފައި ވަނީ ފުލުހުންހައްޔަރު ކުރި އެންމެންގެ މައްޗަށް ކުރާތުހުމަތަކީ ރައީސް ޑރ. ވަހީދަށް ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އަޅައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މުޒާހަރާކޮށް ފުލުހުން މަނާކޮށްފައިވާ ސަރަހައްދުތަކަށް ވަދެފައި ވާތީ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމުގެ ތުހުމަތު ކަމަށެވެ. އަދި ފުލުހުންގެ ގައިގައި ތަޅައި މާރާމާރީ ހިންގުމުގެ ތުހުމަތު ވެސް ބައެއް މީހުންގެ މައްޗަށް ފުލުހުން ކުރާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައިވަނީ އިއްޔެގެ މާހައުލު ހުރިގޮތުން ހައްޔރު ކުރި މީހުންގެ ބަޔާންތަކާއި، އެމީހުން ހައްޔަރު ކުރި ފުލުހުންގެ ބަޔާންތައް ފުލުހުންނަށް ނެގޭގޮތް ނުވިކަމަށެވެ.
ރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވެފައި ވަނީ ބަންދުގެ މުއްދަތު ޖަހައިދިނުމުގައި ރިއާޔަތްކޮށްފައި ވަނީ ދިފާއީ ވަކީލުން ނާއި ފުލުހުން ދައްކާފައިވާ ވާހަކަތަކާއި އަދި އެ މީހުން ހައްޔަރުކުރި އިރު ފުލުހުން ނޯޓުކޮށްފައިވާ ލިސްޓުގެ މައްޗަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ.
މުއްދަތު ޖެހުމުގެ ޝަރީއަތުގެ މަޖިލީސް ކްރިމިނަލް ކޯޓުގައި ރޭ ކުރިއަށް ގެންގޮސްފައި ވަނީ 9:30 އިން މެންދަމު 2:30 އަށެވެ. ރޭ އެކި މީހުންނަށް ވަނީ ދެ ދުވަހާއި، ތިން ދުވަސް އަދި ފަސް ދުވަހުގެ މުއްދަތަށް ބަންދުގެ މުއްދަތު ޖަހައި ދީފައެވެ.
ރޭ މުއްދަތު ޖަހައިދިން މީހުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ގ. ކެނެރީގޭ އަހުމަދު ނާޒިމް އަބްދުއްސައްތާރު އާއި އެމްޑީޕީގެ އިސް އެކްޓިވިސްޓް މުހައްމަދު ސޮދުރީ (ދުންމާރި ނާޒިމް) އަދި ގއ. ކޮލަމާފުށީ ކައުންސިލް މެންބަރު ކޮލަމާފުށީ، ނިވައިދަށުގޭ، ރިޔާޒު ހުސެއިން ވެސް ހިމެނެ އެވެ.