މަތިމަތިން ތިން ބޮކްސާ ލައިގެން ޑްރަގު އައްޑޫ ސިޓީއަށް ޑްރަގް އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހުއެވެ.

ޑައިމޯފިން ޓްރެފިކްކުރި ކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ, ވައިގެ މަގުން އައްޑޫ ސިޓީއަށް މަސްތުވާތެކެތި އެތެރެކުރި ކަމިގެ ތުހުމަތުގައެވެ.

"މީނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު މީނާ ލައިގެން ހުރި ތިން ބޮކްސާ ތެރެއިން އެންމެ އަޑިން ލައިގެންހުރި ބޮކްސާރ ތެރެއިން ފެނުނު މާސްކިން ޓޭޕުއަލާފައިވާ އެއްޗެއް ނިއުޅުވާ ބެލިއިރު އޭގެ ތެރޭގައި އޮތް ރަބަރު ޕެކެޓެއްގައި 290.4000 ގްރާމް ޑައިމޯފިން ހުރިކަމާއި އަނެއް ރަބަރު ޕެކެޓުގައި 222.3000 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަހްލީލް ރިޕޯޓުން ދައްކާތީ," ދައުލަތުން ހުށަހެޅި ދައުވާގައި ބުނެފައިވެއެވެ.

ދިފާއީ ވަކީލް އެދުނީ އޭނާގެ މުވައްކިލުގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ, ޕެޑަލްކުރުމުގެ ދައުވާއަކަށް ބަދަލުކޮށްދިނުމަށެވެ. ނަމަވެސް އެކަމަށް ޕްރޮސިކިއުޓާރ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލުން ވަނީ އިންކާރުކޮށްފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ, އޭނާގެ ބޮކްސާރ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނަށް ބަލައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކުރެވޭނެ ކަމަށެވެ.

ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާއަށް އޭނާ އިންކާރު ކުރި ނަމަވެސް ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. ދައުލަތުގެ ފަރާތުން ގިނަ ހެކިތަކެއް ހުށަހެޅިއެވެ.

ވައިގެ މަގުން އައްޑޫއަށް މަސްތުވާތަކެތި އެތެރެކުރާ ކަމުގެ ރިޕޯޓެއް ލިބުމާއި އެކު އެއާޕޯޓަށް ދިޔަ ފުލުހުން ވަނީ ހެކިބަސްދީފައެވެ.

އެގޮތުން, ފްލައިޓުން ފޭބި މީހަކު ތަފާތުގޮތަކަށް ހިނގާކަން ފާހަގަކުރެވިގެން ހުއްޓުވުމަށްފަހު ސ. ގަން ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ފުލުހުން ހިމެނެއެވެ. އަދި ސްޓޭޝަނުގައި އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި ފުލުހުން ވެސް ހެކިބަސް ދިނެވެ.

ހަށިގަނޑު ބަލައި ފާސްކުރަމުންދިޔައިރު ހައްޔަރުކުރި މީހާ ތިން ބޮކްސާ ލައިގެން ހުރިއިރު އޭގެ އެންމެ އަޑީގައިވާ ބޮކްސާރ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުވެފައި ނުވަކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ, ތުހުމަތުކުރާ މީހާ ބަލާ ފާސްކުރި އިޖުރައާތު ގޯސް ކަމަށް ބުނެއެވެ.

އެ މައްސަލައިގައި ޕީޖީގެ ފަރާތުން, ޗެއިން އޮފް ކަސްޓަޑީ (ކުޑަ ކާޑު) ހުށަހަޅާފައެއް ނުވެއެވެ. އަދި ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީތެ މައުލޫމާތު ފޯމުގައި ހިމެނޭ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނޫން ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.

ބޮކްސާ ތެރެއިން ފެނުނު މަސްތުާތަކެއްޗާއި ހަވާލުވި ކަމަށް ބުނެފައިވާ ފުލުސް މީހާގެ ޗެއިން އޮފް ކަސްޓަޑީ ހުށަހަޅާފައި ނުވާއިރު, މަސްތުވާތަކެތީގެ ތަހްލީލް ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާގެ ނަން ހިމަނާފައި ނުވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.