ދިވެހިރާއްޖޭގެ ގައުމީ ވޮލީ ޓީމުން ބަހްރައިނުގެ ޓީމާއެކު މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހްލޫފް ބަހްރައިނަށް ވަޑައިގެން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އެފެއަރޒް ހިޒް އެކްސެލެންސީ އައިމަން ތައުފީގް އަބްދުއްރަހްމާންއާ ވަނީ މިފަހުން ބައްދަލުކުރައްވައިފައެވެ. އެގޮތުން ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އަދި އެހެންމެ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. މިނިސްޓަރ މަހްލޫފް ވިދާޅުވީ ފުޓްބޯޅަ، ވޮލީބޯޅަ، ޓޭބަލް ޓެނިސް އަދި ހޭންޑްބޯލް ކުރިއެރުވުމަށް ބަހްރައިންގެ މިނިސްޓަރާއެކު މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ބައްދަލުވުމަށްފަހު، މިއަދު މަހްލޫފް ވަނީ ބަހްރައިނުގެ ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް ޝެެއިޙް އަލީއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ރާއްޖެއާއެކު މެޗުތަކެއް ކުޅުމަށާއި، ރާއްޖޭގެ ޓީމު ބަހްރައިނުގައި ކޭމްޕްތައް ކުރިއަށް ގެންދިއުމުގެ އިތުރުން ބަހްރައިނުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ރާއްޖޭގެ ޓީމުތަކަށް ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިއަދު ބަހްރެއިނުގެ ވޮލީ އެސޯސިއޭޝަނުގެ ރައީސް ޝެއިޙް އަލީއާ ބައްދަލުކުރައްވަނީ ---

މަހްލޫފް އިތުރަށް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ކުޅިވަރު ކުރިއެރުވުމަށް ހެދިގެންދާ އެމްއޯޔޫގެ ސަބަބުން ރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.