ރީތި ފުޓުބޯޅައެއް ފެނިގެންދާނެ ކަމުގެ ވައުދާއެކު ޓޮޓެންހަމުގެ ހުސްވެފައިވާ ކޯޗުގެ މަގާމާއި އެންޓޯނިއޯ ކޮންޓޭ ހަވާލުވެއްޖެއެވެ.

ކޮންޓޭއަށް އިޓަލީގެ ކޯޗުކަމުގެ މަގާމު ދިނީ އެ މަގާމުގައި ކުރިން ހުރި ޕޯޗުގަލުގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަކިކުރުމުންނެވެ. ނޫނޯ ކޯޗުކަމުން ވަކިކުރީ އެ މަގާމު އޭނާއަށް ހަވާލުކުރިތާ ހަތަރު މަސްދުވަސް ފަހުންނެވެ.

އުމުރުން 52 އަހަރުގެ ކޮންޓޭ މިއަދު ޓޮޓެންހަމާ އެކު ކޮންޓްރެކްޓްގައި ރަސްމީކޮށް ސޮއިކުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އިތުރު އެއް އަހަރަށް ކޮންޓޭ އަށް ޓޮޓެންހަމްގައި މަޑުކުރެވިދާނެއެވެ.

އިނގިރޭސިވިލާތުގެ ޗެލްސީއަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ކޮންޓޭ ވަނީ އެ ޓީމާއެކު ޕްރިމިއާ ލީގާއި އެފްއޭކަޕު ވެސް ކާމިޔާބުކޮށްފައެވެ. އެއަށްފަހު އެނބުރި އިޓަލީއަށް ގޮސް އިންޓަމިލާނާ އެކު ލީގު ހޯދި ކޮންޓޭއަށް މިފަހުން މެންޗެސްޓާ ޔުނައިޓެޑާއި ސައުދީ އަރަބިއްޔާގެ މަހުޖަނުން މިފަހުން ގަތް ނިއުކާސަލް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާނ ފުރުސަތު ލިބުނެވެ. އެކަމަކު އެ ދެ ޓީމަށް ވެސް ކޮންޓޭ އިޖާބައެއް ނުދިނެވެ.

ޓޮޓެންހަމުގެ ކޯޗުކަމާ ހަވާލުވުމަށްފަހު ކޮންޓޭ ބުނީ ޓޮޓެންހަމް ފަދަ ކުލަބަކާ ހަވާލުވާބް ފުރުސަތު ލިބުމަކީ ލިބުނު ޝަރަފެއް ކަމަށާއި، އެންމެ ބޭނުންވާ އެއްކަމަކީ ސަޕޯޓަރުންނާއި، ކުޅުންތެރިންގެ އިތުބާރު ހޯދުން ކަމަށެވެ.

"އަހަރެންގެ ކޯޗިންގް ފިލޯސޮފީއަކީ ވަރަށް ސިމްޕަލް އެއްޗެއް. ސަޕޯޓަރުން ބޭނުންވާ ފަދަ ހިތްގައިމު، ރީތި ފުޓުބޯޅައެއް ކުޅުން. އަދި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ޓީމެއް ބިނާކުރުން،" ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ، މިއީ އޭނާގެ ކެރިއަރަށް ވެސް މުހިއްމު ނިންމުމެއް ކަމަށާއި، މި ކުލަބަކީ އެންމެ މަތީ ފަންތީގެ ޓީމެއް ކަމަށެވެ.

މީގެ އިތުރުން ކޮންޓޭ ވަނީ ޓޮޓެންހަމުގެ މެނޭޖްމެންޓަށް އޭނާ ބޭނުންވާ ކުޅުންތެރިން ހޯދުމަށް ޓްރާންސްފާ ލިސްޓެއް ހަވާލުކޮށްފައެވެ. އެ ލިސްޓުގައި އޭނާ ކުރިން ހަވާލުވި ބައެއް ޓީމުތަކުގެ ކުޅުންތެރިންވެސް ހިމެނެއެވެ.

އެގޮތުން ކޮންޓޭ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި އޭނާ ބޭނުންވާ ލިސްޓުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ޓޮޓެންހަމަށް މަދުވެގެން ތިން ކުޅުންތެރިއަކު ގެންނަން ބޭނުންވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.