މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ޕާކިސްތާން ސެމީ ފައިނަލުގެ ޖާގަ ކަށަވަރު ކުރެވުނީ އެ ޓީމުން ހެދި ހުރިހާ ޕްލޭނެއް ރަނގަޅަށް ދިއުމުން ކަމަށް ކެޕްޓަން ބާބަރް އަޒަމް ބުނެފިއެވެ.

ޕާކިސްތާނުން ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށްފައިވާ އިރު، އެ ޓީމަށް ސެމީގެ ޖާގަ ކަށަވަރުވީ މިއަދު ނަމީބިއާ އާއި ވާދަކޮށް 45 ލަނޑުން މޮޅުވެގެންނެވެ. މި މޮޅާއެކު ޕާކިސްތާން ގްރޫޕް ދޭއްގެ އެއް ވަނައިގައި އޮތީ ހަަތަރު މެޗުން އަށް ޕޮއިންޓު ހޯދައިގެންނެވެ.

ރަނގަޅު ފޯމަކާއެކު މިފަހަރުގެ މުބާރާތަށް ކުރިމަތިލި ޕާކިސްތާން ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ އިންޑިއާ ބަލިކޮށްފައިވަނީ 10 ވިކެޓުންނެވެ. އަދި ދެވަނަ މެޗުގައި ނިއުޒީލޭންޑް އަތުން ފަސް ވިކެޓުން މޮޅުވިއިރު ތިންވަނަ މެޗުން އަފްގާނިސްތާން ބަލިކުރީ ފަސް ވިކެޓުންނެވެ.

މިއަދުގެ މޮޅާއެކު މުބާރާތުގެ ސެމީގެ ޖާގަ ކަށަވަރުވި ފުރަތަމަ ޓީމަކަށް ޕާކިސްތާނު ވެގެން ދިޔައިރު، ކެޕްޓަން ބާބަރް ބުނީ މެޗުން ލިބުނު މޮޅާއެކު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައިވާކަމަށެވެ.

"އަހަރަމެންގެ ހުރިހާ ރޭވުމެއް ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރި. އުންމީދަކީ ސެމީފައިނަލުގައި ވެސް މި ފެންވަރަށް ކުޅެވިގެން މޮޅުވުން،" މިއަދުގެ މެޗަށްފަހު ބާބަރް ބުންޏެވެ.

މިއީ ޓީ20 ގެ ތާރީހުގައި ޕާކިސްތާން މުބާރާތުގެ ސެމީފައިނަލަށް ދަތުުރުކުރި ފަސްވަނަ ފަހަރެވެ. އެއާއެކު އެންމެ ގިނައިން ސެމީފައިނަލަށް ދަތުރުކުރި ޓީމުގެ ރެކޯޑުވެސް އޮތީ ޕާކިސްތާން އަތުގައެވެ.