03 Nov 2021, 17:22
މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި އެކަކު ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ބުނެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 15:21 ހާއިރު ކަމަށެވެ.
ގޭސް ފުޅިއެއް ގޮވީ މާލޭގެ މާފަންނުގައި ހުރި "އޮޅުހާ" ނަމަކަށް ކިޔާ ގޭގެ ފުރަތަމަ ފަންގިފިލާގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާ ހިނގުމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފައިވެއެވެ.
އެ އިމާރާތުގެ ބޭރުން އަލިފާނުގެ އަސަރެއް ފެންނަން ނެތަސް ވަރަށް ބޮޑަށް ދުން އަރިއެވެ.
ނަމަވެސް މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މާލޭގައި ދާދި ފަހުން އަމީނީ ގޯޅީގައި، ޑޮނާޑް ގާމަންޓްސް ހުންނަ އިމާރާތުގެ ފަންގިފިލާއެއްގައި އަލިފާނުގެ ހާދިސާއެއް ވެސް ވަނީ ހިނގައިފައެވެ.