03 Nov 2021, 16:07
މުޅި އާއިލާ ތިބީ ޓީވީ ދޮށުގައެވެ. ޓީވީން ގެނެސްދެމުން ދަނީ 1988ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހުގެ ހަނދާންތަކެވެ. ގައުމީ ޖޯޝު ގެނުވައިދޭ ލަވަތަކެވެ. އެ ދުވަހު ދިވެހީން ދައްކުވައިދިން އެއްބައިވަންތަކަމެވެ.
"މަރުވިޔަސް ހިތް އޮތީ ހަރު އަޑުން ގޮވަގޮވާ، އެކުވެރީންނޭ ހަވާލޭ ވަތަން ލޯބިވާ"
ޓީވީއެމުން ދުރަށް ފޮނުވަމުން އެ ގެންދަނީ ޝަހީދު ހުސައިން އާދަމްގެ ހަނދާނުގެ ލަވައެކެވެ. އެ ލަވައިގައި ހުސައިން އާދަމް ދިވެހި ގައުމާ ވާހަކަ ދައްކާފަދައެވެ. އެ ލަވައިގެ ކޮންމެ ކަޑިއަކުން ވެސް ހިތުގެ އެންމެ ހިމަ ނާރަށް އަސަރުކުރިއެވެ.
އެއީ މީގެ ދިހަ ވަރަކަށް އަހަރު ކުރީގެ ހަނދާންތަކެވެ. ދައުލަތުގެ މީޑިއާއިން އެ ދުވަހުގެ ހަނދާންތައް އޭރު އާ ކުރިއެވެ. އެ ދުވަހުގެ ވާހަކަތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނެވެ. އެ ދުވަހުގެ މަންޒަރުތައް ދައްކުވައިދިނެވެ.
ބަޑި ބުރާސްފައްޗަށް މިއަދު 33 އަހަރުވީއެވެ. މިހާރު މަންޒަރު ބަދަލުވެއްޖެއެވެ؛ މިއަދު ދައުލަތުގެ މީޑިއާއަށް ނަސްރުގެ ދުވަހަކީ މާ މުހިންމު ދުވަހެއް ކަމަކަށް ނުފެނެއެވެ.
ޓެލެވިޒަން މޯލްޑިވްސްއިން މިއަދަށް ހާއްސަކޮށްފައިވާ ޕްރޮގްރާމް ގައިޑުން އެކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. ނަސްރުގެ ދުވަހަށް ހާއްސަކޮށް އެންމެ ޕްރޮގްރާމެއް ވެސް ތާވަލު ކޮށްފައެއް ނުވެއެވެެ.
ރައްޔިތުންގެ ރުޅިގަނޑު ފަޅައިގެން ދިޔައީ އެހެެނެއް ބަލާފައެއް ނޫނެވެ. މީސްމީޑިއާގައި ޓީވީއެމް "ރޮލާ" ކާން ފެށިއެވެ.
ޕްރޮގްރާމް ގައިޑް#programmeguidepic.twitter.com/lzvgGXb3Cc
— Television Maldives (@tvmaldives)November 2, 2021
އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމުން، ކުއްލިއަކަށް ޓީވީއެމުން ޓުވީޓެއް ކުރިއެވެ. ޝެޑިއުލް ބަދަލު ކުރިކަން އަންގާ ޓްވީޓެކެވެ. އެގޮތުން 2:30ގައި ދައްކަން އޮތް ހެއްޔާންބޯ ޕްރޮގްރާމުގެ ބަދަލުގައި ނަސްރުގެ ދުވަހުގެ ހާއްސަ ޕްރޮގްރާމު "ފަޚުރު" ތާވަލު ކުރިއެވެ.
#ScheduleChangeAlert
14:30
❌Heyyanbo
✅Fakhuru - Victory day Special— Television Maldives (@tvmaldives)November 3, 2021
އޭގެ ކުރިން ދައުލަތުގެ މީޑިއާ އޮތީ ގަދަ ނިދީގައެވެ. މިއަދަކީ ނަސްރުގެ ދުވަސްކަން ޓީވީއެމަށް ނޭނގޭ ކަހަލައެވެ. މީގެ ކުރިން ތައްޔާރުވާ ވަރާ ގާތަށް ވެސް ޓީވީއެމުން މިއަދަށް ތައްޔާރެއް ނުވެއެވެ. އެއްވެސް އާ އުފެއްދުމެއް ނެތެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ޕަބްލިކް ސާވިސް މީޑިއާގެ ސީއީއޯ އަލީ ޚާލިދު ވިދާޅުވީ ނަސްރުގެ ދުވަހަކީ ކެޓަގަރީ ދޭއްގެ ދުވަހެއް ކަމަށެވެ. އަދި އޭނާ އެ މަގާމާ ހަވާލުވުމުގެ ކުރިން ވެސް ނަސްރުގެ ދުވަސް އޮންނަނީ ކެޓަގަރީ ދޭއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު އައިސްފަ ބަދަލު ކުރި އެއްޗެއް ނޫނޭ އެއީ އެނގޭތޯ. މީގެ ކުރިން ވެސް ފާހަގަ ކުރާ ގޮތަށް ފާހަގަ މިކުރަނީ،" އޭނާ ވިދާޅުވިއެވެ.
އަލީ ހާލިދު ވިދާޅުވީ މިއަދަށް ހާއްސަކޮށް ވަކި ޕްރޮގްރާމެއް ޓީވީއެމުން ތައްޔާރު ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން މިއަދު ޓީވީއެމުން ދައްކަމުން ގެންދަނީ ނަސްރުގެ ދުވަހުގެ ކުރީގެ ލަވަތަކެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދެއްކެވި ޓީވީއެމްގެ އޮފިޝަލަކު ވިދާޅުވީ މިއަދަކީ ބީ ކެޓަގަރީގެ ޕްރޮގްރާމެއް ކަމަށާއި މާ ބޮޑު ކަމެއް ކުރަން ނުޖެހޭކަމަށް އެޗްއޯޑީންނަށް އަލީ ހާލިދު އަންގައިފައިވާ ކަމަށެވެ. އަދި މިއީ ސަރުކާރު ބަދުނާމުކުރަން ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ 33 އަހަރު ކުރިން، އެ ދުވަހު 19 ދިވެހީން ޝަހީދުވިއެވެ. އެ އާއިލާތައް އަދިވެސް އެ ޝަހީދުންގެ ޒިކުރާ އައުކުރެއެވެ. އަދި ދިވެހި ގައުމުގެ ރައްޔިތުން ވެސް އެ ހަނދާންތައް އައުކުރެއެވެ.
#ScheduleChangeAlert
14:30
❌Heyyanbo
✅Fakhuru - Victory day Special— Television Maldives (@tvmaldives)November 3, 2021
އެ ހަނދާންތައް ދިވެހީންނަށް އާ ކޮށްދިނުމުގައި އިސް ދައުރެއް އަދާކުރަން ޖެހޭ ދައުލަތުގެ މީޑިއާ މިއަދު އޮތީ ނިދާފައެވެ. ރައްޔިތުން ހަޅޭއް ލަވައިގެން ދައްކަން ފެށީ ކުރީގެ ލަވަތަކާއި ކުލިޕުތަކެވެ. މިއީ ދިވެހީން ބަލައިގަންނާނޭ ކަމެއް ނޫން ކަން ކަށަވަރެވެ.