ޚުރުތޫމް (ނޮވެމްބަރު 3) : ސޫދާނުގެ އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން އިސްކޮށް ހުންނަވައިގެން ހިންގެވި ބަޣާވާތެއްގައި ބޮޑުވަޒީރުކަމުން ދުރުކުރުމަށްފަހު ހައްޔަރުކޮށްފައިވާ ބޮޑުވަޒީރު ޢަބްދުﷲ ޙަމްދޫކް އަލުން މަގާމާ ހަވާލުވެވަޑައިގަތުމަށް ޝަރުތުތަކެއް ކުރިމަތި ކުރައްވައިފިއެވެ.

ހަމްދޫކް ވިދާޅުވީ އޭނާ އަލުން ބޮޑުވަޒީރުކަމާ ހަވަލުވެވަޑައިގަންނަވާނީ ބަޣާވާތުގެ ކުރިން ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް އޮތްހާލަތު އަލުން އަނބުރައި ރުޖޫއަ ކުރުމުންނެވެ. އެހާލަތަކީ އޭނާގެ ސަރުކާރުގެ ކެބިނެޓާއި އެނޫންވެސް ހުރިހާ މަގާމުތަކެއްގައި ތިއްބެވި ބޭފުޅުން އެމަގާމުތަކުގައި ތިއްބެވޭގޮތަށް އޭނާގެ މުޅި ސަރުކާރު އަލުން ވެރިކަމަށް ރުޖޫއަ ކުރުމާއި އަސްކަރީ ބަޣާވާތުގައި އުވާލާފައިވާ މުއައްސަސާތައްވެސް އަލުން ކުރީގެ ހާލަތަށް އިއާދަކުރުން ކަމަށް ހަމްދޫކް ވިދާޅުވިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ސޫދާނުގެ އަސްކަރީ އެންމެމަތި ވެރިޔާ އަދި އިންތިގާލީ ސިޔާދަތީ މަޖިލީހުގެ ރައީސް ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާންގެ އަމުރަށް ސޫދާނުގެ ސިފައިންވަނީ ބަޣާވާތެއްކޮށް އެގައުމުގެ މަދަނީ ސަރުކާރު އުވާލައި އެސަރުކާރުގެ ބޮޑުވަޒީރު ޢަބްދުﷲ ޙަމްދޫކާއި އޭނާގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިން ގޭގައި ބަންދުކޮށްފައެވެ. އަދި މަދަނީންނާއި އަސްކަރީން ހިމެނޭ ރިޔާސީ މަޖިލިސްކަމަށްވާ އިންތިގާލީ ސިޔާދަތީ މަޖިލިސް އުވާލައި އަސްކަރީ ވެރިޔާ ޖެނެރަލް ބުރުހާނުގެ ސީދާ ބާރުގެ ދަށަށް މުޅި ގައުމު ގެންނެވިއެވެ.

ބަޣާވާތް ކުރެއްވި އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން

ނަމަވެސް މިބަޣާވާތާ ދެކޮޅަށް ސޫދާނުގެ އާއްމުން ވަރުގަދައަށް ތެދުވެ ގައުމުގެ ކަންކޮޅުތަކުގައި މުޒާހަރާތައް ކުރަންފެށުމުންނާއި އަސްކަރީ ބަޣާވާތާ ދެކޮޅަށް ދުނިޔޭގެ ބައެއް ގައުމުތަކުންނާއި އދ. ން އަޑުއުފުލައި ބޮޑުވަޒީރު ޢަބްދުﷲ ޙަމްދޫކް އާއި އޭނާގެ ސަރުކާރު އަލުން ވެރިކަމަށް ގެނައުމަށް ޖެނެރަލް ބުރުހާން އަށް ގޮވާލަން ފެށުމުން އޭނާވަނީ ފަހަތަށް ޖެހިވަޑައިގެންފައެވެ.

މިގޮތުން ހަމްދޫކް ގޭގައި ބަންދުކުރީ އޭނާގެ ރައްކާތެރިކަމަށްޓަކައި ކަމަށް ވިދާޅުވެ ޓެކްނޮކްރޭޓުން (އިލްމީ ބޭފުޅުން) ހިމެނޭގޮތަށް އައު މަދަނީ ސަރުކާރެއް އެކުލަވާލައި އެސަރުކާރުގެ ބޮޑުވަޒީރުކަމަށް ހަމްދޫކް ހަމަޖައްސަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެ ޖެނެރަލް ބުރުހާންވަނީ ގޮތް ދޫކުރަން ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ.

ނަމަވެސް ހަމްދޫކް ވަނީ އޭނާ އަލުން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާނީ ބަޣާވާތުގެ ކުރިން ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް އޮތްހާލަތު އަލުން އަނބުރައި ރުޖޫއަކުރުމުން ކަމަށް ވިދާޅުވެފައެވެ. މީގެތެރޭގައި އޭނާގެ ސަރުކާރުގެ ހުރިހާ ވަޒީރުންނާއި އިސްވެރިން އެބޭފުޅުން ކުރިން ތިއްބެވި މަގާމުތަކަށް އަލުން އަނބުރައި ރުޖޫއަކުރުން ހަމްދޫކްވަނީ ޝަރުތަކަށްވެސް ހައްދަވާފައެވެ.

މިޝަރުތަށް އެއްބަސްވެވަޑައިގަންނަވާނެކަން ޖެނެރަލް ބުރުހާން އަދި ހާމައެއް ނުކުރައްވައެވެ. ނަމަވެސް ހަމްދޫކް ގެ ސަރުކާރާ ދެކޮޅަށް ޖެނެރަލް ބުރުހާން ގެންނެވި ބަޣާވާތް މިހާރުމިވަނީ ނާކާމިޔާބުވުމުގެ މަގުމަތީގައި ކަމާއި ބަޣާވާތާއެކު އެޅުއްވި ޣައިރު ގާނޫނީ އަސްކަރީ ފިޔަވަޅުތައް އަނެއްކޮޅަށްޖަހަން ޖެނެރަލް ބުރުހާނަށް މަޖްބޫރުވެ ވަޑައިގެންފައިވާކަމުގެ އިހްސާސް އޭނާ ކުރައްވަމުން ގެންދަވާކަން މުރާސިލުން ފާހަގަކުރެއެވެ.

2018 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ސޫދާނުގެ ރައްޔިތުން އެގައުމުގެ ކުރީގެ ރައީސް ޢުމަރު ހަސަން އަހްމަދުލްބަޝީރު ވެރިކަމާ ދެކޮޅަށް ދެތިން މަސްވަންދެން ކުރި މުޒާހަރާތަކާ ގުޅިގެންނާ އަދި ސިފައިންގެ ފިއްތުންތައްވެސް ބޮޑުވެ އިސްތިއުފާ ދެއްވަން މަޖްބޫރުވެވަޑައިގެން 2019 ވަނަ އަހަރުގެ ކުރީކޮޅު ބަޝީރު އިސްތިއުފާ ދެއްވުމުން ސޫދާނުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ސިފައިންގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން އެވެ.

ނަމަވެސް ސިފައިން ވެރިކަން އަމިއްލަކޮށްލަފާނެތީ ރައްޔިތުން ހުއްޓުމެއްނެތި 3 މަސްވަންދެން މުޒާހަރާކުރަމުން ގެންދިޔުމުގެ ނަތީޖާއަކަށްވީ ޑިމޮކްރެޓިކް ވެރިކަމަކަށް ދިޔުމަށް މުއްދަތެއް ކަނޑައަޅައި އެމުއްދަތުގައި މަދަނީންވެސް ބައިވެރިކޮށްގެން ވެރިކަންކުރާނެ އިންތިގާލީ މަޖިލީހަކާއި މަދަނީ ސަރުކާރެއް އެކުލަވާލުމަށް ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން އަށް މަޖްބޫރުވެ ވަޑައިގަތުމެވެ.

މިއާއެކު އެކުލަވާލި އިންތިގާލީ ސިޔާދަތީ މަޖިލީހުގައި ހިމެނެނީ އަސްކަރީ 7 ބޭފުޅުންނާއި މަދަނީ 6 ބޭފުޅުންނެވެ. އެމަޖިލީހުގެ ރައީސަކީ ޖެނެރަލް ބުރުހާން އެވެ. މިމަޖިލީހާއެކު ސޫދާނުގައި ވެރިކަންކުރަން އުފެއްދި މަދަނީ ސަރުކާރުގެ ބޮޑުވަޒީރުކަމަށް ހަމަޖެއްސީ އިގްތިސާދީ ތަޖްރިބާކާރެއްކަމަށްވާ އަބްދުﷲ ހަމްދޫކް އެވެ. އެސަރުކާރުގެ ދިފާއީ ވަޒީރުކަމާއި ދާޚިލީ ވަޒީރުކަން ފިޔަވައި އެނޫން މަގާމު ތަކުގައި ތިއްބެވީ މަދަނީންނެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ޖެނެރަލް ބުރުހާން އިސްކޮށް ހުންނަވައިގެން ސިފައިން ގެނައި ބަޣާވާތުގައި އެންމެ ފުރަތަމަ އުވާލި ދެ މުއައްސަސާއަކީ ބޮޑުވަޒީރު ހަމްދޫކް ގެ މަދަނީ ސަރުކާރާއި މަދަނީންނާއި އަސްކަރީ ހިއްސާކުރާ އިންތިގާލީ ސިޔާދަތީ މަޖިލީހެވެ.

މިބަޣާވާތާ ދެކޮޅަށް ސޫދާނުގެ ރައްޔިތުން މުޒާހަރާކުރަން ފެށީ 2025 ގައި ސޫދާނުގައި އިންތިޚާބެއް ބާއްވައިގެން އިންތިޚާބީ ސަރުކާރަކާ ވެރިކަން ހަވާލުކުރުމަށް އިންތިގާލީ މަޖިލީހުން ނިންމާފައިވާ ނިންމުން ބަޣާވާތާ ގުޅިގެން ތަންފީޒު ނުވެދާނެކަމުގެ ބިރު ރައްޔިތުން އިހްސާސް ކުރުމުންނާއި ސިފައިން ވެރިކަން އަމިއްލަ ކޮށްލަފާނެކަމުގެ ބިރު އޮތުމުންނެވެ.