ސިފައިންނާމެދު އަދުލުވެރިކޮށް ކަންކަން ކުރަން ބާރު އަޅާ، އަސްކަރީ އަދުލުގެ ނިޒާމު އިފްތިތާހުކޮށްފިއެވެ.

މިއަދު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ނިޒާމު އިފްތިތާހުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

މިނިސްޓަރު މާރިޔާގެ އިތުރުން މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފައިވެއެވެ.

އަދުލުގެ ނިޒާމު އިފްތިތާހު ކޮށްދެއްވުމަށް ފަހު މިނިސްޓަރު މާރިޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ސިފައިންގެ ތެރޭގައި ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް އޮތް ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ އަސްކަރީ އަދުލުގެ ނިޒާމަކީ، ސިޔާސީ ނުފޫޒުން ދިވެހި ގައުމީ ދިފާއީ ބާރު އެއްކިބާކޮށް، ކަނޑައެޅި ލިޔެފައިވާ ވަކި އުސޫލުތަކެއްގެ މަތިން ރާވައި، ސިފައިންނާމެދު އަދުލުވެރިކޮށް ކަންކަންކުރުމަށް ބާރުއަޅާ، ތަރުތީބުކުރުމަށް ރައީސް ސޯލިހުގެ ސަރުކާރުން ކަނޑައެޅުއްވި އަޒުމް ހާސިލްކުރުމަށް ކުރި މަސައްކަތުގެ ނަތީޖާކަމަށެވެ.

ސިޔާސީ ގޮތުން ސިފައިން ބޭނުން ކުރުމުގެ ސަބަބުން ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލި، އާންމުންގެ ކުރިމަތީގައި ސިފައިންގެ އަގުވެއްޓުނު ކަން ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ ގާބިލް ސިފައިން ދިފާއީ ބާރުން ވަކިވުމަކީ ދިވެހި ދައުލަތާއި ރައްޔިތުންނަށް ލިބޭ ނިކަމެތިކަމެއް ކަމަށެވެ.

ނެޗުރަލް ޖަސްޓިސްގެ އަސާސްތަކުގެ މައްޗަށް ބިނާކޮށް އަދި އިންސާނީ ހައްގުތަކާއި ކަރާމާތަށް އިހުތިރާމް ނުގެއްލޭނެ ހެން، ވީހާ ވެސް އިންސާފުވެރިކޮށް އަދި ދެ ފުށް ފެންނަ ގޮތަށް ސިފައިންގެ ކަންކަން ނިންމުމަށް މަގުފަހިކުރާ މި ނިޒާމުގެ ތެރެއިން، ސިފައިންނަށް ކުރިން ކުރިމަތިލާންޖެހުނު ވަޒީފާ ގެއްލުމުގެ ބިރުވެރިކަން، ނިމުމަކަށް އަންނާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.