03 Nov 2021, 15:06
އިންޑިއާ ބޭރުކުރަން އިދިކޮޅުން ގޮވާލަނީ އެ މީހުންގެ މަސްތުވާތަކެތީގެ ވިޔަފާރިއަށް ގެއްލުންވާތީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިވުމުގެ ސަބަބުން ރާއްޖެއަށް ލިބޭ ފައިދާތައް މިހާރު ވެސް ފެންނަމުން އަންނަ ކަމަށެވެ.
ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ ބޮޑެތި ޝިޕްމެންޓުތައް މިފަހުން އައިސް ގިނަ އަދަދަކަށް ހިފަހައްޓަމުން އަންނަ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އިންޑިއާއިން ހަދިޔާކުރި ޑޯނިއާ ބޯޓުން އެ ފަދަ މައްސަލަތަކުގެ ސަވަލައިސަންސަށް ބޮޑެތި އެހީތައް ފޯރުކޮށްދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ޑޯނިއާގެ ތެރެއިން ސަވައިލަންސް ހެދީމާ، އަޅުގަނޑުމެންނަށް ފެނިއްޖެ ކަން އިނގުނީމާ، އަޅުގަނޑުމެންނަށް ކަނޑުތެރެއިން މި ދޭތެރެއިން ވެސް އެތައް ބައިވަރު އެއްޗެހިތަކެއް އުކާލައިގެން އެކިތަންތަނަށް ލެއްގި ވެސް މެ،" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރާ މީހުން ޝަރީއަތުގެ ތެރެއިން ދޫވާ ކަން ގަބޫލުކުރައްވާ ކަމަށާއި އެކަމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް މަސްތުވާތަކެތި އަތުލައިގަނެވުމަކީ ލިބޭ ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.
"އެ ޑްރަގްތައް އަޅުގަނޑުމެންގެ މި ޅަ ޖީލު ހަލާކުކުރަން ގައުމު ތެރެއަށް ނުވަންނަ ކަމީ، އެއީ ވެސް އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ސަކްސެސްއެއް. މީހަކަށް އެ ގެނެސް އަދަބު ނުލިބުނު ކަމުގައި ވިޔަސް ޑްރަގް އެ ޖީލުތަކަށް ފޯރު ނުކޮށްދެވޭކަމީ ގައިމުވެސް އަޅުގަނޑު ދެކޭ ގޮތުގައި ސަކްސެސްއެއް،" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާ ވަނީ މީގެ ކުރިން ރާއްޖޭގައި ދުވަހަކު ވެސް އަތުނުލެވޭ މިންވަރަށް މި ސަރުކާރުން މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނީ ވަކި ބައެއް ކަމަށް ބުނެ، ވަރަށް ބޮޑަށް ލޭބަލް އަޅުވައިފައި އޮތް ކަމަށެވެ. ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވާތީ ކަންބޮޑުވަނީ ވެސް އެ ބަޔަކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނަށް އިޝާރާތް ކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ މިފަދަ އޮޕަރޭޝަންތަކުގައި ޑޯނިއާ ފަދަ ބޯޓުތައް ބޭނުންކުރާތީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ކަންބޮޑުވާނެ ކަމަށެވެ.
މިކަން ބަހަނާއެއްގެ ގޮތުގައި ބޭނުންކޮށްގެން ހުތްޖައްތައް ދައްކަމުން އަންނަ ކަމަށް ވިދާޅުވެ މިނިސްޓަރު އިތުރަށް ވިދާޅުވީ މިފަދަ ބަހަނާތައް ދައްކައި އިންޑިއާ ބޭރުކުރަން ގޮވާލަނީ، އިންޑިއާ އިން ދޭ އެހީތަކުން އެ ފަރާތްތަކުގެ މަސްތުވާތަކެތީގެ ވިޔަފާރިއަށް ގެއްލުންވާތީ ކަމަށެވެ.
"އަޅުގަނޑަކަށް ހިޔެއް ނުވޭ ދިވެހިންނަކީ އެހާ ސޭކު ބައެއްހެން. ތިން އަހަރު ވަންދެން މިއޮތް އިސްތިގުލާލު ގެއްލެނީއޭ ސިޔާދަތު ގެއްލެނީއޭ މިނިވަންކަން ގެއްލެނީއޭ ބުނާއިރު ހަމަ ރާއްޖޭގައި މިނިވަންކަމާއެކު އެ މީހުން ވެސް އެހެން ގޮވަގޮވާ ތިބީ. ހުއްޓާނުލާ،" މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން އިދިކޮޅުން މިފަދަ ވާހަކަތައް ކިތަންމެ ވަރަކަށް ދެއްކިނަމަވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގުޑުމެއް ނާރުވައި، ބޭނުންވާ ކަންކަން ކުރިއަށް ގެންދަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.