03 Nov 2021, 13:46
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ހަތިޔާރެއް ނުގެންގުޅޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މިއަދު ހެނދުނު ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ, ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން މަސައްކަތް ކުރާނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އެ މީހުންގެ އޯޑަރަށް ކަމަށެވެ.
"މި ރާއްޖޭގައި އިންޑިއާ ސިފައިންގެ މީހަކު ތިބޭއިރަކު އެ މީހުނެއް ހަތިޔާރެއް ނުގެންގުޅޭނެ. އިންޑިއާގެ ސިފައިންނަށް ނިސްބަތްވާ ޑޮކްޓަރުންނާއި ޕައިލެޓުންނާއި މެކޭނިކަލް މީހުންނާއި އެކްސްރޭ ނަގާ މީހުންނާއި ގައިނިކޮލްޖީ މީހުންނާއި ކިތަންމެ ބަޔަކު އުޅުނު ކަމުގައި ވިޔަސް އަޅުގަނޑުމެންގެ ދިވެހި ސަރުކާރުން ހުއްދަ ލިބިގެން ނޫން ގޮތަކަށް ނުވެސް އާދެވޭ," މާރިޔާ ވިދާޅުވިއެވެ.
އިންޑިއާ ސިފައިން އެ މީހުން ބޭނުން ކަމެއް ރާއްޖޭގައި ނުކުރެވޭނެކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ, އެ މީހުން ކުރާ މަސައްކަތެއް ވެސް ކުރަނީ ސަރުކާރުން ހުއްދަ ދިނުމުން ކަމަށެވެ.
"އެމީހުން ރާއްޖެގައި ތިބޭ މުއްދަތީކީ ވެސް އަޅުގަނޑުމެން ހުއްދަ ދިނީމަ އެ ތިބެވޭ މުއްދަތަކަށް އެމީހުން އެ ތިބެނީ. އެމީހުން އެކުރަނީ ވެސް އަޅުގަނޑުމެން އަންގާ އެންގުމަކަށް އެކުރާ މަސައްކަތެއް," މާރިޔާ ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ, އިންޑިއާއިން ރާއްޖެ ހަދިޔާކޮށް އިންޑިއާގެ ޕައިލެޓުން ތިބި ހެލިކޮޕްޓަރުތައް ވެސް އުދުހޭނީ އެމްއެންޑީއެފްގެ 'އޯޑަރަށް' ކަމަށެވެ.
"ޑީނިއޯ ފްލައިޓް ވެސް ހަމަ އެމްއެންޑީއެފުން ޓާސްކެއް ހަވާލު ކުރީމަ ނޫނިއްޔާ އެ އެއްޗިއްސެއް ރާއްޖޭގެ ސަރަހައްދުގައެއް އުދުހި ނުގަންނާނެ," މާރިޔާ ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއްވާކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ 250 އަށް ވުރެން ގިނަ މީހުންގެ ފުރާނަ ސަލާމާތް ކުރުމަށް އެ މީހުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އިންޑިއާ މިލިޓަރީ އައުޓްގެ ނަމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް އިދިކޮޅުން އަންނަނީ ހަރަކާތްތަކެއް ހިންގަމުންނެވެ.