02 Mar 2012, 22:02
ދަވްޙާ (މާޗް 2) : ދުނިޔޭގެ ކަންކޮޅުތަކުގައާއި ބައިނަލްއަޤްވާމީ މަސްރަޙުގައި އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވަމުން އަންނަ ކަމަށާ މިއީ މުސްލިމުންގެ އިތުރުން މުޅިދުނިޔެއަށްވެސް ހުރި ހެޔޮފާލެއް ކަމަށް އަލްޤާޢިދާގެ ލީޑަރ ޑރ. އައިމަނުއްޒަވާހިރީ ވިދާޅުވެއްޖެވެ.
އަލްޤާޢިދާއަށް ތާއީދުކުރާ ވެބްސައިޓެއްގައި ޝާއިޢުކޮށްފައިވާ 24 މިނެޓްގެ އޯޑިއޯ މެސެޖެއްގައި ޑރ. އައްޒަވާހިރީ ވިދާޅުވީ އެމެރިކާގެ ދިފާއީ ބަޖެޓް ކުޑަކުރުމާއި ތާލިބާން ޖަމާޢަތާއެކު ސުލްޙައިގެ ވާހަކަ ދައްކަން އެމެރިކާ ފެށުމަކީ އެމެރިކާ ބަލިކަށިވުމުގެ އިތުރުން ގޮތްދޫކުރަން އެމެރިކާއަށް މަޖްބޫރުވަމުންދާ ކަމުގެ ހެއްކެތްވެސް ކަމުގައެވެ.
އެމެރިކާފަދަ މުޅިދުނިޔޭގައި ހަންފަތުރަން މަސައްކަތްކުރާ ޤައުމެއްގެ ޢަސްކަރީ ޚަރަދުތައް ކުޑަކުރާނީ އެހެންގޮތެއްނެތިގެން މަޖުބޫރުވެގެން ކަމަށާ މިއީ އެމެރިކާ ބަލިކަށިވެ ނުފޫޒާއި ބާރުތައް ކުޑަވަމުންދާކަން ހާމަކޮށްދޭ ކަމެއް ކަމަށް ޑރ. އައްޒަވާހިރީ ވިދާޅުވިއެވެ.
މިސްރަށް އުފަން ޑރ. އައްޒަވާހިރީއަކީ އޮޕަރޭޝަންކުރާ މެޑިކަލް ސާޖަން ޑޮކްޓަރެކެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ހަރުކަށިކަމާއި ބޮޑާކަމާ ދެކޮޅަށް ހަނގުރާމަކުރާ މުސްލިމް މުޖާހިދުންނަށް މާތް ﷲ ނަސްރު ދެއްވާކަން ޢިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ ބަލިވިބަލިވެގެން ދިޔުމުން އެނގިގެން ހިނގައްޖެ ކަމުގައެވެ. އަދި ޢަރަބި ޤައުމުތަކަށް އަންނަމުންދާ ރައްޔިތުންގެ އިންޤިލާބުތަކުގެ ފިކުރަކީ އިސްލާމީ ފިކުރު ކަމަށާއި މިއީވެސް އެމެރިކާ ބަލިކަށިވުން ކަމަށް ޑރ.އައްޒަވާހިރީ ވިދާޅުވިއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާގެ ބަޖެޓުން މިއަހަރު 13% އުނިކޮށްފައިވާއިރު 2007 ވަނަ އަހަރުން ފެށިގެން އެމެރިކާ ވެއްޓިފައިވާ އިޤްތިސާދީ ހީނަރުކަމުން އަރައިގަތުމުގައި އެމެރިކާވަނީ ނުކުޅެދިފައެވެ.
މިއީ2001 އަހަރުގެ ސެޕްޓެމްބަރ 11 ގާ އެމެރިކާއަށްދިން ޓެރަރިސްޓް ހަމަލާތަކަށްފަހު އެޤައުމުގެ ބޮޑުވެގެންދިޔަ ޢަސްކަރީ ބަޖެޓް ކުޑަކުރި ފުރަތަމަ ފަހަރެވެ. އެމެރިކާއިން ޢިިރާގާއި އަފްޣާނިސްތާން ހަނގުރާމައަށް ކުރި ޚަރަދު ގާތްގަނޑަކަށް އެއްޓްރިލިޔަންއަށްވުރެވެސް މައްޗަށް އެރުމުގެ ސަބަބުން އެމެރިކާ އިޤްތިސާދީ ގޮތުން އިނދަޖެހޭ ހިސާބަށް ގޮސްފައިވާއިރު އެމެރިކާ ފުރަތަމަފަހަރަށްވަނީ ޢަސްކަރީ ބަޖެޓުން 13% އުނިކޮށްފައެވެ. (އަލްޖަޒީރާ)