03 Nov 2021, 12:17
ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ އެތައް ކަމެއް ހިނގަމުން އަންނަ ކަމަށާއި އެކަންކަމުން ގައުމުން ސަލާމަތް ކުރަން ދިވެހި ރައްޔިތުން ނިކުންނަން ޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅުން މިހެން ބުނެފައިވަނީ މިއަދު ފާހަގަކުރަމުން އަންނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައެވެ.
އެގޮތުން ރާއްޖޭގެ މިނިވަންކަން ނަގާލަން 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ބަޑި ހިފައިގެން އައިކަން ފާހަގަކޮށް އިދިކޮޅުން ބުނީ އެ ގޮތަށް ނޫން ނަމަވެސް މިނިވަން ކަން ގެއްލުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"ރާއްޖޭގެ ހަރު މުދާ ވިއްކާ، އަޑި ނޭނގޭ ގޮތްގޮތަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ޖެހެމުންދާ ދަންތުރަތަކާއި، އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ވަޒަންވެރިވެ ތިބެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން ގެންދާ ގެންދިއުން ފަދަ އެތައް ކަމަކުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ހިތަށް ވެސް ގެންނަން ނޭނގޭ ފަދަ ގެއްލުންތައް ދަނީ ކުރިމަތިވަމުން،" އިދިކޮޅުން ބުނެފައިވެއެވެ.
މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލި، ބޭރުގެ ގައުމެއްގެ އުނގަށް ގައުމު ވެއްޓިފައިވާ ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.
އިދިކޮޅުން އިތުރަށް ބުނީ މިއަދު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނެގެހެއްޓުމަށް ބޭނުން ވަނީ ނަސްރުގެ ދުވަހު ގުރުބާންވީ ސިފައިން ފަދަ ގައުމީ ލޭ ހިނގާ ދަރީންތަކެއް ކަމަށެވެ. އިދިކޮޅުން ވަނީ ދިވެހި ރައްޔިތުން މިކަން ކަމާމެދު ވިސްނައި، ފިކުރުކޮށް ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ގޮވައިލައިފައެވެ.
"އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނޭ! ވިސްނާ ފިކުރުކޮށް ގައުމު އަނބުރާ ހޯދުމަށް ނުކުންނަވާ. އަންނަން އޮތް ޖީލަށް މި ގައުމު މި ގައުމުގެ ގޮތުގައި ވާސިލުކޮށްދިނުމަށް އަތުކުރި އޮޅާލާ. މީގެ ކުރީގެ ޖީލުތަކުން މި ޖީލާއި ހަމައަށް މިގައުމު ގެނެސްދިން ގޮތަށް އަންނާން އޮތް ޖީލަށް ގައުމު ވާސިލުކޮށްދިނުމަށް އަޒުމް ކަނޑަ އަޅުއްވާ،" ޕީޕީއެމް ކޯލިޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން ވެސް ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ބާގީންނާ ހަނގުރާމަކޮށް، ޝަހީދުވި ދިވެހި ސިފައިންގެ ބޭކަލުންގެ ޒިކުރާ އާކޮށް، އެ ބޭކަލުންނަށް ޕީޕީއެމް ކޯލިޝަނުން ޝުކުރު އަދާކޮށްފައިވެއެވެ.
އިދިކޮޅު ކޯލިޝަނުން އަންނަނީ މި ސަރުކާރުން އިންޑިއާއާއެކު ބާއްވަމުން އަންނަ ގުޅުމުގެ ސަބަބުން ދިވެހިންގެ މިނިވަން ކަމަށް ބުރޫއަރާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަބަދުވެސް އަޑުއުފުލަމުންނެވެ. އެގޮތުން "މިނިވަންކަމުގެ ދިފާއުގައި" މި ނަމުގައި ސިލްސިލާ މުޒާހަރާތަކެއް ވެސް އަންނަނީ ކުރަމުންނެވެ.