މިނިވަންކަމާއެކު ރާއްޖެ މިއަދު ދެމިއޮތީ ތިނެއް ނޮވެންބަރު 1988ގައި ދިވެހި ސިފައިން ވީ ގުރުބާނީގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބެއްގައެވެ.

ރައީސްގެ ހިތޯބުގައި ވިދާޅުވީ ދިވެހިރާއްޖޭގައި ނަސްރުގެ ދުވަހެއް ފާހަގަކުރަމުން އަންނަނީ، ހިތްވަރުގަދަ ދިވެހި ސިފައިން ވެފައިވާ ވަރަށް މަތިވެރި ގުރުބާނީއެއްގެ ހަނދާންތައް އައު ކުރުމަށް ކަމަށެވެ.

ހަމައެހެންމެ މި ދުވަހު ދީނާއި ގައުމަށްޓަކައި ފުރާނައިން ފިދާވެދިޔަ އެތައް ސިފައިންނެއްގެ ޒިކުރާ އައުކޮށްދޭކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މިއަދަކީ ދުޝްމަނުން ދެމުންދިޔަ ވަރުގަދަ ހަމަލާތަކުގެ ކުރިމަތީގައި، ދިވެހި އަސްކަރިއްޔާގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުން، އަމާން ނުދީ ސާބިތުކަމާއެކު ހަނގުރާމަކޮށް، ދިވެހި ގައުމަށް ނަސްރު ހޯދައިދިން ދުވަސް ކަމަށެވެ.

"މިއަދު ދިވެހިރާއްޖޭގެ ކޯއްޓޭތަކުގައި، ފެއްސާއި ރަތާއި ހުދުގެ ގައުމީ ދިދަ ވިހުރެމުން އެދަނީ، އެ ދުވަހު ދިވެހި ސިފައިން ވެފައިވާ މަތިވެރި ގުރުބާނީގެ ސަބަބުން. އެ ބޭފުޅުން އެ ދުވަހު މި ގައުމަށް ދެއްކެވި ގައުމީ ނަމޫނާއަކީ، މިއަދާއި މާދަމާގެ ދަރިންވެސް، ނަމޫނާއެއްގެ ގޮތުގައި ދެކެންޖެހޭނެ، އަދި އެ ބޭފުޅުންގެ ޒިކުރާ އަބަދުވެސް އާކުރަންޖެހޭނެ މަތިވެރި ނަމޫނާއެއް،" ރައީސްގެ ހިތޯބުގައި ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ނޮވެންބަރު ތިން ވަނަ ދުވަހު ދުޝްމަނުންގެ ނިރުބަވެރިކަމުގެ ބިރުވެރި ނުރައްކަލުގެ ތެރޭގައި ވީނަމަވެސް ދިވެހިން އުންމީދު ކަނޑައިނުލާ ކަމަށެވެ. އަދި އެ ދުވަހު ދިވެހި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ސާބިތުކޮށްދިންކަން ރައީސް ފާހަގަކުރެއްވިއެވެ.

"ދިވެހި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ސާބިތުކޮށްދިން. ގާނޫނީ ސަރުކާރަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވި. އެންމެ ވަރުގަދަ ހަތިޔާރެއް ކަމުގައި ހެދީ، ހިތްތަކުގައި ބިންވަޅު ނެގިފައިވާ އިސްލާމީ މަތިވެރި އަގީދާ،" ރައީސް ވިދާޅުވިއެވެ.

ނަސްރުގެ ދުވަހުގެ ކާމިޔާބީ ގުޅިފައި ވަނީ ދިވެހި ދަރިންނާ ކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ދުވަހު އަވައްޓެރި އިންޑިއާއިން ވެދެއްވި އެހީ ފާހަގަކުރައްވައި އިންޑިއާ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

މީގެ އިތުރުން ނަސްރުގެ ދުވަހުން ގައުމީ މަސްލަހައްތު ދެމެހެއްޓުމުގެ މުހިންމުކަން ހާމަވެގެންދާ ކަން ރައީސް ފާހަގަކުރެއްވިއެވެ.