އަގުހެޔޮކޮށް އެއްތަނަކުން ބައިވަރު ފޮތްތަކެއް ކަސްޓަމަރުންނަށް ފަސޭހަ ކަމާ އެކު ފޯރުކޮށްދިނުމުގެ ބޭނުމުގައި ނޮވެލްޓީގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ނޮވެލްޓީ ބުކް ފެއާ"، ވިހި ހާސް އެމެރިކާ ޑޮލަރު (308400ރ.)ގެ އިނާމަކާ އެކު އިއްޔެ ހުޅުވައިފި އެވެ.

ނޮވެލްޓީގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ޝިފާން މިއަދު ވިދާޅުވީ މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެފެއާ މިއަހަރު ކުރިއަށް ދާނީ ދަރުބާރުގޭ ރަންނަބަޑޭރި މާލަމުގައި ކަމަށާއި މިއަހަރުގެ ފެއާގައި ވެސް 10ރ. މަތީގެ ވިޔަފާރި ކުރައްވައިގެން އަގު ހުރި އިނާމެއް ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"މިއަހަރުގެ ފެއާގައި ވެސް 10ރ. އިން މަތީގެ ވިޔަފާރި ކުރާ ފަރާތަކަށް ކޫޕަނެއް ލިބޭނެ. އަދި އެގޮތުން ގުރުއަތުން ލިބޭ ފަރާތަކަށް މިއަހަރު ހުށަހަޅާފައިވާ އިނާމަކީ 20،000 އެމެރިކާ ޑޮލަރު،" އޭނާ ވިދާޅުވި އެވެ.

ޝިފާން އަދި ވިދާޅުވީ މި އަހަރުގެ ފެއާގައި ކުޑަކުދިންގެ ފޮތްތައް ގިނަވެ، އާއްމުކޮށް ފޮތްތައް ލިބޭ އަގަށް ވުރެ 50 ޕަސެންޓް އަގުހެޔޮވާނެ ކަމަށާއި ފެއާގައި ކެއާ ސޮސައިޓީގެ ފަރާތުން ބަލަހައްޓަމުން ގެންދާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީވުމުގެ ގޮތުން ހާއްސަ ފަންޑު ފޮޓެއް ވެސް ބެހެއްޓިފައި ވުމުގެ އިތުރުން މިއަހަރުގެ ފެއާގައި އެއްވެސް ޖީއެސްޓީއެއް ނުނަގާނެ ކަމަށެވެ.

މިއަހަރުގެ ނޮވެލްޓީ ބުކް ފެއާ ދަރުބާރުގޭ ރަންނަބަޑޭރި މާލަމުގައި ކުރިއަށްދާ އިރު ފެއާ ހުޅުވިފައި ހުންނާނީ މެންދުރުފަހު 2:30 އިން ރޭގަނޑު 12:00 އަށް ކަމަށް ނޮވެލްޓީން މައުލޫމާތު ދިނެވެ. ނޮވެލްޓީ ބުކް ފެއާއަކީ ކޮންމެ އަހަރަކު ވެސް އަގުހުރި އިނާމުތަކެއް ހުށަހެޅިގެން ކުރިއަށްދާ ވަރަށް ގިނަ ބައެއްގެ ޒިޔާރަތްކުރަމުން އަންނަ ފެއާއެކެވެ.