03 Nov 2021, 10:01
ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޕްރީ ސްކޫލެއް ބައްލަވައިގަނެ، އެ ސްކޫލަށް ކުދިން ވަނުމަށް ހުޅުވާލައިފިއެވެ.
އެކަމާ ބެހޭގޮތުން ޝަހީމް ވިދާޅުވީ، އޭނާ ބައްލަވައިގަނެފައި ވަނީ 'ކޮއްކޮމެން ޕްރީ ސްކޫލް' ކަމަށެވެ. އަދި ޝަހީމްގެ ފަރާތުން ސްކޫލުގެ ކަންކަން ބަލަހައްޓާނީ ޝަހީމްހެ އެއްބަނޑު އެެއްބަފާ ކޮއްކޮ ޝިފާޔަތު އަލީކަމަށް އޭނާ ވިދާޅުވިއެވެ.
އިއްޔެއިން ފެށިގެން އެ ޕްރީސްކޫލަކީ ޝަހީމްގެ އަމިއްލަ ތަނެއްކަމަށް ވިދާޅުވިއިރު، މިހާރު ވަނީ އެ ސްކޫލަށް ކުދިން ވަނުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ކޮއްކޮމެންގެ ޕްރީސްކޫލަށް ކުދިން ވަނުމަށް ހުޅުވާލާފައި -- ފޮޓޯ/ ޑރ. ޝަހީމް
"މުސްތަގުބަލުގައި ސްކޫލުގެ މަގުސަދަކަށް ވާނީ، ފެންވަރު ރަނގަޅު ޒަމާނީ ތައުލީމެއް ފޯރުކޮށްދިނުމާއެކު، ރިވެތި އަދަބު އަހުލާގާއި ހުނަރުވެރިކަމާއި ރިވެތި ގޮތްތައް ދަސްކޮށް ދިނުން,'" ޝަހީމް ވިދާޅުވިއެވެ.
އެ ޕްރީސްކޫލްގައި އިނގިރޭސި، ދިވެހި ބަހަށް ފަރިތަކުރުވާ ފަދައިން ކީރިތި ގުރުއާނާއި އަރަބި ބަހަށް ވެސް ފަރިތަކުރުވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ޕްރީސްކޫލުގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ ގައުމީ މަންހަޖަށްކަމަށެވެ. އަދި އެ ސްކޫލުން ތައުލީމު ހާސިލުކޮށް ނިންމާ ކުދިންނަކީ ރީތިކޮށް ގުރުއާން ކިޔަވަން ވެސް އެނގޭ ކުދިންނަށް ހެދުމަކީ އަމާޒެއް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
"އަމާޒަކީ، ބެލެނިވެރިންނަށް ފަސޭހަވާނެ ގޮތައް، އިތުރަށް ޓިއުޝަނަށް ނުފޮނުވައި ސްކޫލުން ފިލި ވެސް ދަސްކުރެވޭ ވަރަށް އެހީތެރިވުން،" ޝަހީމް ވިދާޅުވިއެވެ.
އިލްމު އިންސްޓިއުޓްގައި ކުރިއަށް ގެންދާ ގުރުއާނާއި އަރަބި ބަހާ ގުޅޭ ހުރިހާ ޕްރޮގްރާމެއްގައި އެ ސްކޫލްގެ ދަރިވަރުންނަށް ހިލޭ ބައިވެރިވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ސްކޫލުން ޔަތީމް ކުދިންނަށާއި އެކަނިވެރި މައިންގެ ދަރިންނަށް ހިލޭ ކިޔެވޭނެގޮތް ހަމަޖައްސާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
ފެންވަރު ރަނގަޅު ވަސީލަތްތަކެއް ހިމެނޭ 'ކޮއްކޮމެންގެ ޕްރީސްކޫލް'ގައި ތަނަވަސް ޕްލޭ ގްރައުންޑެއްވެސް އޮވެއެވެ. އަދި ކޮންމެ ކްލާހެއްގައި ޓީވީ ވަނީ ބަހައްޓާފައެވެ.
އޭގެ އިތުރުން ހުރިހާ ކުހާލެއް އޭސީ ކޮށް، މުޅިތަން ސީސީޓީވީއިން ބެލެހެއްޓޭނެ ގޮތަށް ހަމަޖެހިފައި ވާކަމަށް ޝަހީމް ވިދާޅުވިއެވެ. އެހެންކަމުން ޕްރިންސިޕަލަށް ހުރިހާ ކްލާހެއް ފެންނާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ކޮންމެ ކްލާހެއްގައި 15 ކުދިންނަށް ވުރެ އިތުރު ނުކުރުމުގެ ސިޔާސަތުގެ ދަށުން ހިންގާ މި ޕްރީސްކޫލުގައި ތިބޭނީ ފެންވަރު ރަނގަޅު އޯގާތެރި، ތަޖުރިބާހުރި ޓީޗަރުން ކަމަށް ޝަހީމް ވިދާޅުވިއެވެ.
ކޮއްކޮމެންގެ ޕްރީސްކޫލްގެ ޑެޕިއުޓީ ޗެއާމަންގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާނީ ޝިފާޔަތެވެ.
ޝިފާޔަތަކީ ތައުލީމީ ދާއިރާގައި ތަޖުރިބާ ގިނަ، އިސްލާމީ ތައުލީމުގެ ދާއިރާއިން މާސްޓާސް ހާސިލުކޮށްފައިވާ މީހެއްކަމަށް ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަހީމް ވިދާޅުވީ، ޝިފާޔަތަކީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި ޣިޔާސުއްދީން ސްކޫލާއި މި ނޫންވެސް ތަންތަނުގައި ކިޔަވައި ދިނުމުގެ ތަޖުރިބާ ހުރި މީހެއް ކަމަށެވެ.