މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ކުރަމުން އަންނަ ނަމަ ދިވެހިންގެ ދިރިއުޅުމަށް އަސަރުކޮށް، ދިވެހިން "ކްލައިމެޓް ރެފިއުޖީން"ނަށް ވުމުގެ ބިރު އެބައޮތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮޕް26 ސަމިޓުގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތް ލީޑާޒް އެޓް ދަ ވޯލްޑް ލީޑާޒް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ދިރިއުޅޭ ފަރާތްތަކެކޭ އެއްފަދައިން، ދިވެހިންނަށް ވެސް ދިރިއުޅުމަށް ރައްކާތެރި މާހައުލެއް ލިބުމަކީ ހައްގެއްކަމަށެވެ.

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ ނުރައްކަލަކީ މުޅި ދުނިޔެ ތަހައްމަލުކުރަންޖެހޭ ކަމެއްކަމަށެވެ. އަދި މި ވަގުތު ބައިނަލްއަގްވާމީ މުޖުތަމައު އެކަތިގަނޑަކަށްވެ އިޖްތިމާއީ އަދި އިގްތިސާދީ ދާއިރާއިން މަސައްކަތްކުރުން މުހިންމުކަމަށް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ނިސްބަތުން ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކަަމަށެވެ. އަދި ރާއްޖެއިން މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް އިތުރު މަސައްކަތްތައް ކުރަމުން އަންނަަކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން 2030 ވަނަ އަހަރަށް ނެޓް-ޒީރޯ ގައުމަކަށްވުމަށް ކަނޑައަޅާފައިވާ އަމާޒުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ.

މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ބާއްވާ ކޮޕް26 ސަމިޓުގައި ރައީސް ސޯލިހު ވާހަކަފުޅުދެއްކެވީ ރޭގައެވެ. އެގޮތުން ރައީސް ވަނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް މަސައްކަތްކުރުމަށް ގައުމުތަކަށް ގޮވައިލައްވައިފައެވެ.