02 Mar 2012, 19:24
ރައްޔިތުންގެ މަޖިލީސް މިދައުރަށް ހުޅުވައި ދިނުމަށް ހުރަސްއަޅާފައި ވާތީ އާއި ރާއްޖޭގެ ސިޔާސީ މަޝްރަހާ މެދު އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކީމޫން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތްޕުޅުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ފެބްރުއަރީ މަހު 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވުމުން އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުކުރަން ވާނީ ސުލްހަވެރިކަމާ އެކު އަދި ވާހަކަ ދައްކައިގެން، ގައުމީ ކަމެއްގެ ގޮތުގައި ކަމަށެވެ.
ސެކްރެޓަރީ ޖެނެރަލް ގޮވާލައްވާފައި ވަނީ، ހުރިހާ ޕާޓީތަކުން ވެސް، ރައްޔިތުންގެ މަޖިލީހުގެ އެތެރެއިންނާއި ބޭރުން މަސައްކަތްކޮށް، ދެ ފަރާތުން އެއްބަސްވެވޭ ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އަދި ބުނެފައި ވަނީ އެ ހައްލު ހޯދާ އިރު ރާއްޖޭގެ ޑިމޮކްރަޓިކް މަރުހަލާގައި މިހާތަނަށް ހޯދާފައިވާ ކުރިއެރުމަށް ބުރޫ ނާރާނެ ގޮތަކަށް އެކަން ކުރަން ޖެހޭނެ ކަމަށެވެ.
"ޑިމޮކްރެޓިކް ގޮތުން ހޯދާފައިވާ ކުރިއެރުމަށް ބުރޫ ނާރުވައި، އެއްބަސްވެވޭ ގޮތެއްގެ މަތިން ކުރިއަށް ދެވޭނެ މަގެއް ހޯދުމަށްޓަކައި ޕާލަމެންޓްގެ އެތެރޭގައި އަދި ބޭރުގައި ވެސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް މިހާރުން މިހާރަށް ފެށުމަށް ސެކްރެޓަރީ ޖެނެރަލް ގޮވާލައްވަ އެވެ." އދ.ގެ ބަޔާނުގައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވިޔަ ނުދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ކޮމަންވެލްތުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ.