02 Nov 2021, 20:31
ދިވެހި ފުލުހުންގެ މުއައްސަސާއަށް ލިބިދޭންޖެހޭ ކަރާމަތާއި، ޝަރަފް ހޯދައިދިނުމަށް ޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މި މޭރުމުން ވިދާޅުވީ، ރޭންކާއި ގްރޭޑްގެ ކުރިއެރުން ދިނުމަށް އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އޭނާ ވިދާޅުވީ މި ދަތިކަން އޮތް ދުވަސްވަރުގައި ވެސް 2022 ވަނަ އަހަރަށް ފުލުހުންގެ އިދާރާއަށް ކަނޑައަޅާވާފައިވާ ބަޖެޓަކީ އެ މުއައްސަސާއަށް ލިބިދޭންޖެހޭ ކަރާމަތާއި، ޝަރަފް ހޯދައިދިނުމަށް ޓަކައި ކުރެވުނު މަސައްކަތްތަކުގެ އަލިގަދަ ހެއްކެއްކަމަށެވެ.
އިމްރާން ވިދާޅުވީ ޒަމާނީ ގޮންޖެހުންތަކާ ފައިހަމަކުރެވޭވަރުގެ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އިސްކަމެއްދެއްވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަށް ވެސް ލިބިފައިވާ ފުރުސަތާއި، ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން އެކަމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.
"ރާއްޖޭގެ އިގްތިސޯދު މިއޮތީ އަޅުގަނޑުމެން އެންމެ އެދޭ ހިތްހަމަޖެހޭގޮތަކަށްނޫން. މުޅި ދުނިޔޭގެ އިގްތިސޯދަށް ވަނީ ނޭދެވޭ އަސަރުކޮށްފަ. މިހާލަތުގައި ވެސް ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަން ރައްޔިތުންގެ އުފާވެރިކަން ކަށަވަރުކުރުމަށް ޓަކައި ފުލުހުންގެ މުއައްސަސާއަށް ދެވިފައިވާ ބަޖެޓަކީ މިކަމުގެ ހެއްކެއްކަން އަޅުގަނޑު ޤަބޫލުކުރަން." މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މުޖުތަމައު އަމާން ސުލުހަވެރި ވެއްޓަކަށް ދިއުމަށްޓަކައި ހުރި ބޮޑެތި ގޮންޖެހުންތަކަށް ކުށްކުރާ މީހުންނާއި، ކުށްވެރިންގެ ވިސްނުމާއި ފިކުރަށް އަދި ކުށްވެރިން ކަންކަން ބައްޓަންކުރާ ގޮތާއި، ކުށްކުރުމުގެ މުޅި މާހައުލަށް އަންނަ ބަދަލުތަކާ އެއްވަރަށް ފުލުހުން ފައިހަމަކޮށްގެން މެނުވީ ރާއްޖެއަށް ސުލުހަވެރި އަމާން ވެއްޓެއް ނުގެނެވޭނެކަމަށެވެ.
ފުލުހުންނާ މުހާތަބުކުރައްވާ ވަޒީރު ވިދާޅުވީ އަޅުގަނޑުމެންގެ މިމުޖުތަމައުގައި އަމާންކަމާއި، ރައްކާތެރިކަމާއި، ސަލާމަތްކަން އޮންނަން ބޭނުންވި މިންވަރަކަށް އަޅުގަނޑުމެންގެ އަމިއްލަ ނަފުސުން އެކަން އަދާކޮށް މުޅި މުޖުތަމައަށް ދައްކައިދޭން ޖެހޭކަމަށެވެ.
ފުލުހުންގެ މުއައްސަސާއަށް މަތިކޮށްފައި އޮތީ ވަރަށް ބޮޑު މަސްއޫލިއްޔަތެއްކަމަށާއި، މުޖުތަމައު ޝަރަފްވެރި މުޖުތަމައަކަށް ވެގެންދަނީ ވެސް ފުލުހުންގެ މުއައްސަސާ ޝަރަފްވެރި މުޖުތަމައަކަށްވީ މިންވަރަކުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ފުލުހުންނަކީ އަމިއްލަ ނަފްސަށާއި، އެމީހެއްގެ އާއިލާގެ މައްޗަށް، އަދި މުޅި މުޖުތަމައުގެ މައްޗަށް އަބަދު ވެސް އަދުލުވެރި އިންސާފްވެރި، ހަމަހަމަކަން ފޯރުކޮށްދޭ ބައެއް. އަޅުގަނޑުމެންގެ ތެރެއިން އެކަން ނެތިގެން ހިނގައްޖެ ކޮންމެ ހިނދެއްގައި އޭގެ ހިތި ނަތީޖާއާއި، އަސަރު މުޅިގައުމަށް ކުރާނެ." މިނިސްޓަރ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، ފުލުހުންގެ ގާނޫނީ ވާޖިބާއި ޒިންމާއަށްވުރެ ބޮޑަށް އިޖުތިމާއީ، އަމިއްލަ ފަރުދީ ޒިންމާ ބޮޑުކަމަށެވެ. މީގެ އިތުރުން ފުލުހަކަށްވީތީ އަމިއްލަ އިޖުތިމާއީ ފަރުދީ، ޒިންމާ އަދާކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.
އެގޮތުން މުޖުތަމައުގައި ހުރި ނުރައްކަލެއް އަދި ގޮންޖެހުމެއް ކުރިމަތިވާ ކޮންމެ ކަމަކުން މުޖުތަމައުގެ ހަމަޖެހުމާއި، ހިމޭންކަން ގެއްލިގެން ހިނގައިދާނެ އަދި މުޖުތަމައުގެ ފަރުދަކަށް ދެރަކަމެއް، ހިތާމައެއް ލިބިދާނެ ކޮންމެ ކަމަކުން ސަލާމަތްކޮށްދިނުމުގައި އަދާކުރަންޖެހޭ ފަރުދީ ޒިންމާތައް އޮތްކަން ވަރަށް ބޮޑަށް ގަބޫލުކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.